ގެދޮރު ބިނާކުރުމަށް ނަގާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް %6 ކުޑަކުރަން ސަރުކާރުން ނިންމަވާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހިޔާ އެކޮޕްލިޝްޑް ވިލިމާލެ-2 އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިިދާޅުވީ ގެދޮރު ބިނާކުރުމަށް ބޭނުންވާ މީހުންނަށް ދިމާވާ އެންމެ ދަތި އެއްކަމަކީ ބޭންކުތަކުގެ އިންޓްރެސްޓް ރޭޓުތަކާއި އިކިއުޓީ ރޭޓުތައް ބޮޑުވުން ކަމަށެވެ. އެހެންނަމަވެސް މިކަމަށް ހައްލު ގެނެސްދެއްވުމަށް ސޯޝަލް ހައުސިންގއަށް ނަގާ ލޯންތަކުގެ އިންޓްރެސްޓް ރޭޓުތައް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.
"މިހާރު މިނަގާ އިންޓްރެސްޓް ރޭޓް ހުންނަނީ %12 އާއި %13 ދޭތެރޭ. އެ އިންޓްރެސްޓް ރޭޓް %6 އަށް ކުޑަކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި. އަދި މިހާރު ނަގާ އިކުއިޓީ ހުންނަނީ %20 އާއި %30 ދޭތެރޭ. މި ރޭޓްވެސް %10 ކުޑަކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި." ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މެދުފަންތީގެ ގެދޮރު ބިނާކުރުމަށް ނަގާ ލޯނުތަކުން އިންޓްރެސްޓް ރޭޓް 8.5 އިންސައްތައަށް ކުޑަކުރުމަށް ހަމަޖެހިފައިވާއިރު އިކުއިޓީގެ ރޭޓުވެސް 15 އިންސައްތަ ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.
މިނިސްޓަރ މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި މުހިންމު ކަންތައްތަކެއް ރާވާފައިވާކަމަށެވެ. އެގޮތުން ލޯނު ނަގާ ފަރާތްތަކަށް، ބިމާއި އިމާރާތްތައް މޯގޭޖުކުރުމުގެ އިތުރުން ގެންގުޅޭ ސައިކަލާއި ކާރުފަދަ ހަރު މުދާތައްވެސް މޯގޭޖްކުރެވޭނެގޮތް ހެދުމަށް ނިންމާފައިވާކަމަށެވެ.
"މި މެނިފެސްޓޯގައި އެމަނިކުފާނު ހިމަނުއްވާފައި އެބައޮތް ބިމާއި އިމާރާތުގެ އިތުރަށް އަތުގައި ހުންނަ މޫވެބަލް އެސެޓްސް، އުޅަނދުފަހަރާއި އޭނަ އަތުގައި ހުރި އެހެން ހަރު މުދާ ހިމެނޭނެކަމަށް ރައީސް ވިދާޅުވި. މީގެ ސަބަބުން ގެދޮރު ބިނާކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ." މިނިސްޓަރ ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މެނިފެސްޓޯއާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ ވަރަށް ވިސްނުންތެރިކަމާއެކު ގިނަ ދިރާސާތަކެއް ކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން މެނިފެސްޓޯގައި މަޝްރޫޢުތައް ހިމަނާފައިވާނީ އެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާއާއި އެނޫންވެސް ކަންކަން ހަމަޖެހޭނެގޮތް ބަލާ ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.
ރައީސް ޔާމީންގެ މެނިފެސްޓޯގައި މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އާންމުވެގެންދާނެ ތަރައްޤީއެއް ގެނައުމަށް ނިންމާފައިވާއިރު، ވެރިކަންކުރާ ރަށްތަކަކީ ޒަމާނީ ސިޓީތަކެއްގެ ގޮތުގައި ތަރައްޤީވެގެންދާނެ ރަށްތަކަކަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.