ޚަބަރު

ގ.ދ ގައްދުއާއި ގއ. ވިލިގިނލީގައި އިމާރާތްކުރި ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ދެ ރަށެއްގައި ސަރުކާރުން ޤާއިމްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ހައުސިންގ މިނިސްޓްރީން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، ގ.ދ ގައްދުއާއި ގއ. ވިލިގިނލީގައި ޤާއިމްކޮށްފައިވާ ހައުސިން ޔުނިޓްތަކަށެވެ.

އެގޮތުން "ހިޔާ" މަޝްރޫއުގެ ދަށުން ގ.ދ ގައްދޫގައި ޤާއިމްކޮށްފައިވާ 50 ހައުސިން ޔުނިޓުގެ ތެރެއިން 10 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އަދި ގއ. ވިލިނގިލީގައި ޤާއިމްކޮށްފައިވާ 52 ހައުސިންގ ޔުނިޓްގެ ތެރެއިން 9 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ހައުސިންގ ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ގައްދޫގައި ހުރި ހައުސިން ޔުނިޓްތަކަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހައުސިންގ މިނިސްޓްރީންނާއި، ގައްދޫ ކައުންސިލް އިދާރާއިން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި ވިލިގިނލީގެ ހައުސިން ޔުނިޓްތަކަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެރަށުގައި ހުންނަ ޕަބްލިކް ވަރކްސް ސަރވިސަސްއިން ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.