ޚަބަރު

ތިނަދޫ ރަސްމީ ފާލަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުޅުއްވައިދެއްވައިފި


ގދ. ތިނަދޫގައި އަލަށް އެޅި ރަސްމީ ފާލަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ހުޅުއްވައިދެއްވައިފިއެވެ.

ތަފާތު ކޮންސެޕްޓަކަށް ޑިޒައިންކޮށް އެމްޓީސީސީން ތިނަދޫގައި އަޅާފައިވާ ފާލަން ހުޅުވުމަށްޓަކައި ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފާލަން ހުޅުއްވައިދެއްވީ ގދ. ތިނަދޫއަށް އުފަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދެވެ.

ތިނަދޫގައި މީހުން އާބާތުވިތާ 25 އަހަރު ފުރުމާ ގުޅުވައިގެން ތިނަދޫގައި މީގެ ކުރިންވެސް ފާލަމެއް އަޅާފައިވެއެވެ. ނަމަވެސް ގިނަ ދުވަސްވުމުގެ ސަބަބުން އެތަން ވީރާނާވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ، އާ ފާލަމެއް އަޅަން ނިންމީ އޭރު އޮތް ރަށު ކައުންސިލުންނެވެ. ފާލަން އެޅުމުގެ މަސައްކަތް ފުރަތަމަ ހަވާލުކޮށްފަިއވަނީ 2014 ވަނަ އަހަރު ބްރިމް ސްޓޯމް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ އެވެ. އެއަށްފަހު 2016 ވަނަ އަހަރު އެކުންފުންޏާ އެކު ވެވުނު އެއްބަސްވުން އުވާލުމަށްފަހު މަޝްރޫއުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.