ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަބުރުފުޅަށް އުނިކަން ލިބޭ ގޮތަށް އެމްޑީޕީ އިން ރިޕޯޓެއް ނެރުނު މައްސަލައިގެ އަޑުއެހުން މިއަދު މެންދުރު ސިވިލް ކޯޓުގައި ތާވަލް ކޮށްފައިވަނިކޮށް، ދަޢުވާ ލިބޭ ފަރާތް ކަމަށްވާ އެމްޑީޕީން ޝަރީޢަތަށް ހާޒިރު ނުވުމުން އެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ޕީއެސްއެމް ނިއުސްއަށް މިރޭ ވިދާޅުވީ ރައީސް ޔާމީންގެ އަބުރުފުޅަށް އުނިކަން ލިބޭ އެމްޑީޕީން ރިޕޯޓެއް ނެރުނު މައްސަލާގައި ތިން ފަރާތަކަށް ދަޢުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެތެރެއިން މިއަދު އޮތީ އެމްޑީޕީގެ މައްޗަށް ކުރި ދަޢުވާގެ އަޑުއެހުން ކަމަށް އައްބާސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ސިވިލް ކޯޓުން އެންގެވީ ދަޢުވާ ލިބޭ އެމްޑީޕީގެ ފަރާތުން ޝަރީޢަތަށް ހާޒިރުވާނެ ފަރާތެއް ކަނޑަނޭޅިގެން އެބޭފުޅުން އެދިގެން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށް،" ޢައްބާސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އަބުރުފުޅަށް އުނިކަން އަންނަ ގޮތަށް އެމްޑީޕީން ނެރުނު ބަޔާނާއި ގުޅިގެން ދަޢުވާ ކުރުމަށް ނިންމާފައިވަނީ އެމްޑީޕީގެ އިތުރުން އެޕާޓީގެ އިސް ދެ ފަރާތަކަށްވެސް ދަޢުވާ ކުރުމަށް ވަނީ ނިންމާފައެވެ. އެ ދެ ބޭފުޅުންނަކީ އެ ޕާޓީގެ ޗެއާޕާސަން ޙަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރެވެ. އަދި މި ބަޔާން ނުވަތަ ޕްރެސް ކޮންފަރެންސް ވަގުތުން ދެއްކި ރާއްޖެޓީވީގެ މައްޗަށް ވެސް މި މައްސަލާގައި ވަނީ ދަޢުވާކޮށްފައެވެ.
ރައީސް ޔާމީންގެ އަބުރުފުޅަށް އުނިކަން އަންނާނެ ގޮތަށް އެމްޑީޕީން ނެރުނު ރިޕޯޓާއި ގުޅިގެން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާ އެ މައްސަލަ ބަލައިގެންފައިވާއިރު އިންތިޚާބީ ހައްގަކަށް އަރައިގެންފައިވާތީ އެކަމަށް ފިޔަވަޅު އަޅައިދިނުމަށް އެދި ހައި ކޯޓަށް ވެސް މައްސަލައެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.