ޚަބަރު

ޓުއަރިޒަމް ފުޅާކުރުމަށް ފުވައްމުލަކުގައި 1000 އެނދުގެ ޕްރޮޖެކްޓެއް ފަށަނީ


ފުވައްމުލަކުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި އެއްހާސް އެނދުގެ ޕްރޮޖެކްޓެއް ފެށުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ފުވައްމުލަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ޕްލޭނިންގ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުވައްމުލަކުގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާގޮތް ތަފާތުކަމަށާއި މި ޕްރޮޖެކްޓް ކުރިއަށްގެންދަން ނިންމާފައި އޮތީ އެކަމަށް ވަރަށް ބޮޑަށް ބަލައިގެންކަމަށެވެ. މިމަޝްރޫއުގެ ދަށުން އެއްހާސް އެނދުގެ ޓޫރިޒަމް ބްލޮކްތަކެއް ފުވައްމުލައް ސިޓީގެ ދެފަރާތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔުމްގެ ވަޒީފާ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން މިޕްރޮޖެކްޓަކީ ދެކުނުގައި ހިންގާ މުހިއްމު މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން 20 ބްލޮކް އަކަށް ބަހާލައިގެން 500 ކޮޓަރި ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް 5 އަހަރު ނިމޭއިރު މިމަޝްރޫޢުއެއްކޮށް ނިމޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ފުވައްމުލަކަކީ ވަރަށް ހުނަރުވެރި ޒުވާނުން ތިބި ސިޓީއެއްކަމަށާއި ސަރުކާރުގެ އިންޓަރގްރޭޓެޑް ޓުރިޒަމް ޕްރޮޖެކްޓްގެ ސަބަބުން އެސިޓީގެ ޒުވާނުންނަށް ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށެވެ.