ޚަބަރު

ފެނުގެ އަގާއި ކަރަންޓުގެ އަގު ރެކޯޑް މިންވަރަކަށް ހެޔޮކޮށްދޭނަން- ރައީސް ޔާމީން


ވެރިކަމުގެ ދެންއަންނަ ދައުރެއްގައި ޤައުމީ ފެންކުންފުނީގެ މެޖޯރިޓީ ޙިއްސާ ސަރުކާރުންގަނެ، ފެނުގެ އަގު ހެޔޮކޮށް، ރާއްޖޭގެ ކަރަންޓުގެ އަގު ރެކޯޑު މިންވަރަކަށް ހެޔޮކޮށްދެއްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަޢުދުވެވަޑައިގެންފިއެވެ.

ވެރިކަންކުރާ މައި ޕާޓި ޕީޕީއެމުން "އެންމެން އެކަކަށް" ނަމުގައި ބޭއްވި ޖަލްސާގައި ވަނީ ރެކޯޑް ޢަދަދަކަށް ސަރުކާރަށް ތާޢީދުކުރާ ޢާންމުން ބައިވެރިވެފައެވެ.

މި ޖަލްސާގައި ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރީގެ އެމްޑީޕީ ސަރުކާރުން ވިއްކާލި ފެންކުންފުނީގެ މެޖޯރިޓީ ހިއްސާ ގަނެ ފެނުގެ އަގު ހެޔޮކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ފެންކުންފުނީގެ ހިއްސާ ކުރީގެ ސަރުކާރުން ވިއްކާލުމުން އެކަމުގެ ތަހައްމަލު ރައްޔިތުން އުފުލަންޖެހުނުކަމަށާއި ނަމަވެސް ފެނުގެ އަގު ހުރިހާ ރަށެއް އެއް ހަމައަކަށް ގެނެސްދެއްވީ މިސަރުކާރުންކަމަށް ރައީސް ވިދާޅުވި. އެއީ އެއްވެސް ރައީސަކަށް ކެރިވަޑައި ނުގެންނެވިކަމެއްކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ އަވީގެ އަލިން ކަރަންޓް އުފައްދާ ހައިބްރިޑް ސިސްޓަމް ރާއްޖޭގެ ކޮންމެ ރަށެއްގައި ޤާއިމްކޮށް ކަރަންޓްގެ އަގު ހެޔޮކޮށްދޭނެކަމަށެވެ.

މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ނިޒާމް ޤާއިމްކޮށްފައިވާކަން ފާހަގަކުރައްވަމުން ރައިސް ވިދާޅުވީ، އާބާދީގެ 50 ޕަސެންޓަށް ސާފު ބޯފެން ކަށަވަރުކޮށްދީ އާބާދީގެ 75 ނަރުދަމާގެ ފަސޭހަކަން ލިބިގެން ގޮސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާ ނަރުދަމާ ޤާއިމްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މިސަރުކާރުން މިހާތަނަށް 12 އެއަރޕޯޓް އެޅުން ނިމުމާ ގާތްވެފައިވާއިރު ކޮންމެ ރަށެއްގެ ކައިރީގައި 30 މިނެޓުން ވާސިލްވެވޭނެ އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އިދިކޮޅު ފަރާތްތަކުގެ ސިޔާސަތުތަކަށްވެސް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގައި ތިބި ހަތަރު ލީޑަރުން އެކަކު އަނެކަކަށް އިތުބާރު ނުކުރާކަމަށާއި، އެކަން ހާމަވަނީ، ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި ޖުމްހޫރީ ޕާޓީޢާއި އަދާލަތު ޕާޓިގެ ސިޔާސަތުތައް މެނިފެސްޓޯގައި ހިމަނާފައި ނުވުމުންކަމަށެވެ. އަދި ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިދިކޮޅު ލީޑަރު ނޫންކަމަށާއި، އެހެންކަމުންވެސް އިދިކޮޅު ލީޑަރުގެ އެއްވެސް ބާރެއް ސަރުކާރެއްގައި ނޯންނާނެކަން ހާމަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ އޮޔާދިޔަ ނުދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މި ޖަލްސާގައި ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ޕީޕީއެމްގެ މެނިފެސްޓޯ ނެރެދެއްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯއަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ރައްޔިތުންގެ ފުދުންތެރިކަން ދެ ގުނަ ރަނގަޅަ ކޮށްދޭނެ މެނިފެސްޓޯއެއްކަމަށެވެ.