ޚަބަރު

ބްރިޖް މެދުވެރިކޮށް ގުޅާލާ ކަރަންޓު، އަންނަ އަހަރުގެ ފަހުކޮޅު ބޭނުންކުރަންފަށާނެ- ސްޓެލްކޯ


ފިފްތް ޕަވަރ ޕްރޮޖެކްޓްގެދަށުން ހުޅުމާލޭގައި އުފައްދާ ކަރަންޓު އަންނަ އަހަރުގެ ފަހުކޮޅު މާލެއާއި ހުޅުލެއާ އެއްވިއުގައަކުން ގުޅާލައި ބޭނުންކުރަން ފަށާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހުޅުމާލެއާއި، ހުޅުލެއާއި، މާލޭގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމަށް ހަމަޖެހިފައިވަނީ ބްރިޖް މެދުވެރިކޮށް އަޅާ ހައިވޯލްޓޭޖް ކޭބަލެއް މެދުވެރިކޮށެވެ. ސްޓެލްކޯއިން ބުނެފައިވަނީ ކޭބަލް ގުޅާލުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުކަމަށެވެ. އަދި މިމަސައްކަތް ކުރުމަށް ބްރިޖް މެދުވެރުކޮށް އަޅާ ސްޓްރަކްޗަރގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަަށްވެސް އެކުންފުނިން ބުނެއެވެ.

މި ކޭބަލް މެދުވެރިކޮށް މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމުން، ބޭނުންވެއްޖެ ޙާލަތެއްގައި ހުޅުމާލޭގައި އުފައްދާ ކަރަންޓު މާލެއާއި، ހުޅުލޭގައިވެސް ބޭނުންކުރެވޭނެއެވެ.

މި މަސައްކަތް ކުރަނީ ހުޅުމާލޭ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ކުރާ ޗައިނާގެ ކުންފުނި، ޑޮންގ ފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނުންނެވެ.

ސްޓެލްކޯ ފިފްތް ޕަވަރ ޕްރޮޖެކްޓަކީ މާލެ ސަރަޙައްދުގައި މިހާރު ކުރިއަށްގެންދާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢެވެ. ސްޓެލްކޯއިން ބުނީ މި މަޝްރޫޢުގެދަށުން އަންނަ ނޮވެމްބަރުމަހު އެއް އިންޖީން ޓެސްޓް ކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. ފިފްތް ޕަވަރ ޕްރޮޖެކްޓްގެދަށުން 6 އިންޖީނު ބަހައްޓާފައިވާއިރު މިއީ 50 މެގަވޯޓްގެ ކަރަންޓް އުފެއްދޭ ނިޒާމެކެވެ. ސްޓެލްކޯގެ އިންޖިނިއަރ އިސްމާއިލް ޝުޖާއު ވިދާޅުވީ މި މަޝްރުޢޫގެދަށުން މިހާރު ކުރިއަށްދަނީ އިންޖީން ޓެސްޓް ކުރުމުގެ ކުރިން ކުރަންޖެހޭ ފަހުގެ މަސައްކަތްތައްކަމަށެވެ.

"އަޑު: މިހާރު އެންމެ ބާރަށް ކުރިއަށްދަނީ އިންޖީންތަކުގެ ދުންހޮޅިތައް ބެހެއްޓުމާއި، ކޭބަލްތައް އެޅުމުގެ މަސައްކަތް. 200އަށްވުރެ ގިނަ ކޭބަލް އަޅާނެ. ނޮވެމްބަރުމަހު އިންޖީން ކޮމިޝަން ކުރަން ފަށާނެ." ޝުޖާއު ވިދާޅުވިއެވެ.

ފިފްތް ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ ޖޫންމަހު ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކަރަންޓު ޖޫން މަހު ބޭނުންކުރަން ފަށާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ހުޅުމާލެ ފޭސް އެކަކާއި، ހުޅުމާލެ ފޭސް ދެއަކަށްވެސް ކަރަންޓް ދިނުމަށް ހަމަޖެހިފައިވަނީ މި ޕްރޮޖެކްޓްގެދަށުންނެވެ.