ޚަބަރު

އެންމެ ގާތުން ކެމްޕޭންގެ ދަށުން ރައީސްގެ އަނބިކަނބަލުން ދ. އަތޮޅަށް ވަޑައިގެންފި


އެންމެ ގާތުން ކެމްޕޭނުގެ ދަށުން ރައީސުލްޖުމުހުރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދ. އަތޮޅުގެ ރައްތަކަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުރަތަމަ ވަޑައިގެންފައިވަނީ ދ. މީދޫއަށެވެ. މީދޫއަށް އެކަމަނާ ވަޑައިގަތުމުން ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބަނދަރުމައްޗަށް ނުކުމެ ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. އަދި ރައީސްގެ އަނބިކަނބަލުން ވަނީ އެކަމަނާއަށް މަރުޙަބާ ދެންނެވުމަށް އެއްވެފައިވާ ރައްޔިތުންނާ ސަލާންކުރައްވައި ޙާލު ބައްލަވާލައްވާފައެވެ. މިދަތުރުފުޅުގެތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދ. މީދޫގައި ދިރިއުޅޭ ނުކުޅެދުންތެރިކަންހުންނަ މީހުންނާއި، އިސް ރަށްވެހިންނާ ވަކިން ބައްދަލުކުރައްވައި ހާލު ބައްލަވާލައްވާފައެވެ. މީގެއިތުރުން އެކަމަނާވަނީ އެރަށު ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް އޮޅުންފިލުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން މީދޫގެ އިތުރުން ބަނޑިދޫ، ހުޅުދެލި، މާއެނބޫދޫ އަދި ކުޑަހުވަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.