ޚަބަރު

ޕީޕީއެމްގެ ބޮޑު ޖަލްސާ މިމަހު 18 ގައި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރައްޔިތުންގެ ތާޢީފު އޮތްމިންވަރު ދައްކާލުމަށްޓަކައި ޕީޕީއެމްއިން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާ މިމަހުގެ 18 ވަނަދުވަހަށް ފަސްކޮށްފިއެވެ.

ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ އަސްލު ސައިޒް ދައްކާލުމަށް ބާއްވާ މިޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުން އެތައްހާސްބަޔަކު އަމިއްލައަށް އެދެމުންދާކަމަށެވެ.

އެހެންނަމަވެސް މިޖަލްސާ ބާއްވަން ކުރިން ހަމަޖައްސާފައި އޮތް ތާރީޚަށް އަތޮޅުތަކުން މާލެއަންނަން ބޭނުންވާ އެތައްހާސް މީހުން މާލެއައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، އެކަމަށް ޙައްލެއް ހޯދުމުގެގޮތުން ޖަލްސާ ބާއްވާ ތާރީޚު ފަސްކުރުމަށް ނިންމީކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 18ވަނަ ދުވަހުގެ ރޭ މިޖަލްސާ އޮންނާނެ. ވަރަށް ބޮޑަށް މަޢާފަށްއެދެން ރައްޔިތުންގެ އަރިހުން. ރާއްޖެއިން ލިބެންހުރި ހުރިހާ އުޅަނދެއް ހޯދައިގެންވެސް އަޅުގަނޑުމެން މިއުޅެނީ ސަޕޯޓަރުން ބޭނުންވާ ވަރަށް މިކަން ކޮށްނުދެވިގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިޖަލްސާ ބާއްވާނީ ތިބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށް."

ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޖުމްލަ ސަތޭކަ އައްޑިހަ ހަރަށަކުން މިޖަލްސާގައި މީހުން ބައިވެރިވާއިރު މިޖަލްސާއިން އެކަނިވެސް ރައީސް ޔާމީނަަށް ރައްޔިތުންގެ މެދުގައި އޮތް ތާޢީދު ފެނިގެންދާނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"އެއްގޮތަަކަށްވެސް އިދިކޮޅު ފަރާތްތަކުން ވިސްނާވަޑައިނުގަންނަވާށޭ މިއީ އަޅުގަނޑުމެން އަތޮޅުތަކުން މީހުން މާލެ ގެނެސްގެން ކުރާ ޖަލްސާއެކޭ މިއީ. އެހެނެއްނޫން. މިއީ ހަމަ މުޅިރާއްޖެ ރައިސް ޔާމީންގެ ކެމްޕެއިންގައި ބައިވެރިވާކަން ހާމަކޮށްދިނުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވެގެން އެގޮތަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޖަލްސާއެއް."

ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މިމަހުގެ 18 ވަނަދުވަހު ބާއްވާ ޕީޕީއެމްހެ ބޮޑު ޖަލްސާއަށް އައުމަށް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ވަރަށްބޮޑަށް ޔައްޔާރުވަމުންދާކަމަށް ޕީޕީއެމްއިން ބުނެއެވެ.