ޚަބަރު

ސާޓާ އެވޯޑްސްގެ ސަރަޙައްދީ 3 އެވޯޑެއް ރާއްޖެއަށް ލިބިއްޖެ


ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސާޓާގެ ސަރަޙައްދީ 3 އެވޯޑެއް ރާއްޖެއިން ހޯދައިފިއެވެ.

ހޮނިހިރު ދުވަހު އިންޑިއާގެ މުމްބާއީގެ ތާޖް ޕެލެސް ހޮޓެލްގައި ބޭއްވި އެވޯޑް ހަފްލާގައި ރާއްޖެއަށް ލިބިފައިވަނީ މިސަރަހައްދުގެ ލީޑިންގ ހަނީމޫން މަންޒިލްގެ އެވޯޑާއި ލީޑިންގ ބީޗް މަންޒިލްގެ އިތުރުން ލީޑިންގ ޑައިވިންގ މަންޒިލްގެ އެވޯޑެވެ.

ރާއްޖޭގެ ފަރާތުން މި 3 އެވޯޑާއި ހަވާލުވެވަޑައިގަތީ، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އަޙްމަދު މުޙައްމަދުއެވެ.

ސާޓާ އެވޯޑަށް ސައުތު އޭޝިޔާގެ 5 ޤައުމަކުން ވާދަކުރެއެވެ. އެއީ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ދިވެހިރާއްޖެއެވެ. މިއަހަރުގެ އެވޯޑް ހަފްލާގައި 36 ދާއިރާއަކުން ވަނީ އެވޯޑުދީފައެވެ.

މިއަހަރުގެ އެވޯޑަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 500 އަށްވުރެ ގިނަ ކުންފުނި ވަނީ ނޮމިނޭޓްކޮށްފައެވެ. މިދިޔަ އަހަރުގެ އެވޯޑް ހަފްލާ ބާއްވާފައިވަނީ ރާއްޖޭގައެވެ. 2016 ވަނަ އަހަރުގެ އެވޯޑް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގައެވެ.