ހދ.ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެދުވަހެއްގެ ތެރޭގައި އެރަށުގެ ކުނި ގޮނޑުން ހަތްސަތޭކަ ފަންސާސް ޓަނުގެ ކުނި ސާފުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެމްކޯއިން ކުޅުދުއްފުށީގެ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ފަށާފައިވާއިރު ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި މިމަސައްކަތް އެއްކޮށް ނިންމާލެވޭނެކަަމަށް ވެމްކޯއިން ބުނެއެވެ.
ކުނި އުފުލުމަށް ބޭނުންވާ ވެހިކަލްތަކާއި ލޭންޑިންގް ކްރާފްޓްތައް ދުރާލައި ކުޅުދުއްފުއްޓަށް ގެންގޮސްފައިވާއިރު މިމަސައްކަތަށް ބޭނުންވާނެ އިތުރު ލޭންޑިންގް ކްރާފްޓެއް ކުޅުދުއްފުއްޓަށް ފޮނުވުމުގެ މަސައްކަތް ވެމްކޯއިން ދަނީ ކުރަމުންނެވެ.
ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ވެމްކޯގެ އޮޕަރޭޝަންސްތައް އެރަށުގައި ފަށާނެކަމަށް ރައީސް ޔާމީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ވެމްކޯއިން ބުނީ ކުޅުދުއްފުށީގެ ކުނި ނެގުމުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާނެ މެޝިނަރީޒްތަކާއި ވެހިކަލްތަައް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އެރަށަށް ފޮނުވާނެކަމަށެވެ.
ކުޅުދުއްފުށީގެ ފުރިފައިވާ ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވާއިރު ކުރިއަށްއޮތް ތަނުގައި ކުޅުދުއްފުށީގެ ކުނި އޮޕަރޭޓްކުރުމުގެ މަސައްކަތްވެސް ވެމްކޯއާ ހަވާލުކުރާނެއެވެ.