ޓުއަރިޒަމް

މެލޭޝިޔާއާއި ރަޝިޔާގެ ދެ ފެއަރއެއްގައި ރާއްޖެ ތަމްސީލްކޮށްފި


ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މެލޭޝިޔާއާއި ރަޝިޔާގައި ކުރިޔަށް ދެ ފެއަރގައި ރާއްޖެ ތަމްސީލްކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަޒް، މަޓާޓޯއިންވަނީ މިމަހުގެ 11އިން 13އަށް ރަޝިޔާގެ މޮސްކޯގައި ކުރިޔަށްދިޔަ އިންޓަރނޭޝަނަލް ރަޝިޔަން ޓްރެވަލް މާކެޓްގައި ރާއްޖެ ތަމްސީލްކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެބޮޑު އެއް ޙިއްސާއެއް އަދާކުރާ އެއްބަޔަކީ ރަޝިޔާގެ ފަތުރުވއެރިންނެވެ. މިގޮތުން 2017ވަނަ އަހަރު ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދުވަނީ 2016 ވަނަ އަހަރާ އަޅާބަލާއިރު 33.1 އިންސައްތަ މައްޗަށް ގޮސްފައެވެ. 2016 ވަނައަހަރު ރަޝިޔާއިން 46522 ފަތުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަދަދު 2017 ވަނަ އަހަރުވަނީ ވަނީ 61931 އަށް އަރާފައެވެ. އަދި މިއަހަރުގެ މެދާހަމައަށް އައިއިރު، ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 28397 އަށް އަރާފައިވާއިރު، މިއީ ކުރީއަހަރުގެ މިމުއްދަތާ އަޅާބަލާއިރު 25.4 އިންސައްތައް އިތުރު އަދަދެކެވެ.

ރާއްޖެ އިސްތިހާރުކުރުމަށް މަޓާޓޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 12އިން 14އަށް މެލޭޝިޔާގެ ލަންކާވީގައި ކުރިޔަށްދިޔަ ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާ ޓްރެވަލް މާޓް 2018ގައިވެސް ވަނީ ބައިވެރިވެފައެވެ.

ޕާޓާއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފަތުރުވެރިކަމުގެ އެކިއެކި ޚިދުމަތްތައްދޭ ފަރާތްތައް އެއްފުރާޅެއްގެ ދަށަށް އައިސް ނެޓްވޯކްކޮށް، ޕާޓްނަޝިޕްތައް ޤާއިމްކުރުމުގެ ފުރުސަތު ދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ފެއަރއެކެވެ. މިފެއަރގައި ރާއްޖެ އިސްތިހާރުކުރުމުގައި އޭޝިޔާއާއި މެދުއިރުމަތީގެ މާކެޓްތަކަށް އިސްކަންދީގެން ހަރަކާތްތައް ކުރިޔަށް ގެންދިޔަ ކަމަށް މަޓާޓޯއިން ބުނެއެވެ.

މިއަހަރު މިހާތަނަށް އައިއިރު، މަޓާޓޯއިންވަނީ ބައިނަލްއަޤްވާމީ 12 ފެއަރއެގައި ބައިވެރިވެ، ރާއްޖެ ތަމްސީލްކޮށްފައެވެ. އަދި ރޯޑްޝޯތައްވެސް އެކި ޤައުމުތަކުގައި ކުރިޔަށް ގެންގޮސްފައެވެ.