ވޯލްޑް ކްލީންއަޕް ޑޭ ނުވަތަ ބައިނަލްއަޤްވާމީ ސާފުކުރުމުގެ ދުވަހުގެ މުނާސަބަތުގައި ބައިކް މޯލްޑިވްސްގެ ފަރާތުން ޚާއްސަ ކުޑަކުދިންގެ ޓުއަރ އެއް ބާއްވައިފިއެވެ. ސާފުކުރުމާއި ބައިސްކަލު ދުއްވުމުގެ ހަރަކާތްތަކަކާއެކު ކުރިއަށްގެންދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންވަނީ ބައިވެރިވެފައިވެއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އަސްމާ ޙަސަން ވިދާޅުވީ ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މިޙަރަކާތަށް މިއަހަރު އެހެން އަހަރުތަކާއި އަޅާ ބަލާއިރު ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށެވެ. އެގޮތުން މިއަހަރު މިހަރަކާތުގައި 50 ކުދިން ބައިވެރިވެފައިވާއިރު، މި ހަރަކާތުގެ ތެރެއިން ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ކޯސްޓްގާޑުގެ ޚިދުމަތްތައް ބައިވެރިންނަށް ދައްކާލައިފައިވާކަމަށް އަސްމާ ވިދާޅުވިއެވެ.
މިހަރަކާތުގެ ސަބަބުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމައްޓަކައި ސާފުކުރުމާއި ސާފުތާހިރުކަމުގެ މުހިންމުކަން އެނގިގެންދިޔަކަމަށް މިހަރަކާތުގެ ބައިވެރިންވަނީ ބުނެފައެވެ.
ބައިކް މޯލްޑިވްސް އަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމައްޓަކައި ދިވެހިންގެ ތެރޭގައި ބައިސްކަލް އާންމުކުރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމައް އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. ދުއިސައްތައެއްހާ މެންބަރުން ރަޖިސްޓްރީ ވެފައިވާ ބައިކް މޯލްޑިވްސްގެ ހަރަކާތްތައް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް އެ ޖަމްޢިއްޔާއިން ދަނީ ޙަރަކާތްތައް ކުރިއަށްގެންދަމުންނެވެ.