ޚަބަރު

އޮސްޓްރޭލިއާ "ފައިން ފުޑްސް" ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


އޮސްޓްރޭލިއާގައި ބާއްވާ ކާބޯތަކެތީގެ އެންމެ ބޮޑު އެއް ފެއަރކަމަށްވާ "ފައިން ފުޑްސް" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 10-13އިގެ ނިޔަލަށް އޮސްޓްރޭލިއާގެ މެލްބަންގައި ބޭއްވި މި ފެއަރގައި ރާއްޖޭގެ ފިޝަރީޒް ޕްރޮމޯޝަން ބޯޑާއެކު ރާއްޖޭގެ އަށް ކުންފުންޏެއް ބައިވެރިވެ ކާނާގެ އުފެއްދުންތައް ދައްކާލާފައިވެއެވެ. މިފެއަރގައި ރާއްޖޭގައި ތައްޔާރުކުރާ މަހާއި، މަހުގެ އެކި އުފެއްދުންތަކާއި، ލުއި ކާނާއާއި ،ކާބޯތަކެތީގެ ތަފާތު އެކި އުފެއްދުންތައް ވަނީ ދައްކާލާފައެވެ.

"ފައިން ފުޑްސް" ފެއަރގެ ތެރެއިން ރާއްޖޭގެ އުފެއްދުންތަކުގެ އަޖުމަބަލާލުމުގެ ފުރުޞަތުވެސް ފެއަރއަށް ޒިޔާރަތްކުރި ފަރާތްތަކަށް ދީފައިވެއެވެ. ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތުގައި ދޮށީގެ މަސްވެރިކަން ކުރުމުގައި ލާމަސީލު ޤައުމަކަށްވުމާއެކު، ބައިނަލްއަޤުވާމީ ބާޒާރުގައި ރާއްޖޭގެ މަހާއި، މަހުގެ ބާވަތްތަކަށް ވަރަށް ބޮޑު ތަރުހީބެއް އޮވެއެވެ.

"ފައިން ފުޑްސް" ފެއަރއަކީ ދުނިޔޭގެ މަޝްހޫރު ކާބޯތަކެތި އުފައްދާ ކުންފުނިތަކާ، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެކި ތަކެތި އުފައްދާ މާރކެޓްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ފެއަރއެކެވެ.