ޚަބަރު

ފަސޭހަ މަދަދު ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު އަނެއްކާވެސް އިތުރުކޮށްފި


ޒުވާނުންނަށް ޙާއްސަކޮށްގެން ސަރުކާރުން ލޯންޗްކޮށްފައިވާ ފަސޭހަ މަދަދު ލޯން ސްކީމަށް ކުރިމަތިލުމަށް މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ފަސޭހަ މަދަދަކީ އިސްލާމިކް ފައިނޭންސް އުސޫލުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައި.ޑީ.ބީގެ އެހީއާއެކު ބޭންކް އޮފް މޯލްޑިވްސް އިސްމާލިކްއާއި އިކޮނޮމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ފަސޭހަ މަދަދު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތުދެއެވެ. ކުރިން ސްކީމަށް ކުރިމަތިލުމުގެ މުއްދަތު އޯގަސްޓްމަހުގެ ނިޔަލަށް ހަމަވާގޮތަށް އޮތްނަމަވެސް، އިކޮނޮމިކް މިނިސްޓްރީން ވަނީ ސެޕްޓެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނީ މިސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް އިތުރުކުރީ ޒުވާނުންގެ ފަރާތުން ލިބެމުންދާ ތަރުޚީބަށް ބަލާ، އަދިވެސް ގިނަ ފަރާތްތަކަކުން ސްކީމުގައި ބައިވެރިވުމަށް އެދޭތީ، އެފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12 ޖެހުމާއި ހަމައަށް އިކޮނޮމިކް މިނިސްޓްރީއާއި، އެމިނިސްޓްރީން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ފަސޭހަ މަދަދު ފޭސް 2 ތަފާތު 6 ދާއިރާއަކަށް ޚާއްސަ ކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ގަރާޖު އަދި މެކޭނިކަލް ވޯކްޝޮޕް ހިންގުން، ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތުކުރުމާއި އެތަކެއްޗަށް ބޭނުންވާ ސްޕެއަރ ޕާޓްސް ހޯދުން، ކޮންސްޓްރަކްޝަން ބްލޮކްސް އުފެއްދުން، ވަނޑާންކުރުން، ވޯޓަރ ސްޕޯޓްސް ކުރިއެރުވުމާއި ޑައިވް ސެންޓަރުތައް ހިންގުން ހިމެނެއެވެ.

ފަސޭހަ މަދަދު ފޭސް 2 އަކީ 74 މިލިއަން 16 ހާސް ރުފިޔާގެ ފަންޑަކާއެކު ހިންގާ ޕްރޮގްރާމެކެވެ. 18 އަހަރުން މަތީ ކޮންމެ ދިވެއްސަކަށްވެސް މި 2 ލޯން ސްކީމަށް ކުރިމަތިލެވޭއިރު، ލޯން ދޫކުރާނީ އެފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުއެވެ.