ޚަބަރު

ސޫރިޔާގެ އިދްލީބްގެ ރައްޔިތުންނަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި


ސޫރިޔާގެ އިދްލިބްގައި ދިރިއުޅޭ މުސްލިމުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް އެއިޑް އެއިޑް ކެމްޕެންއިނުން ކެމްޕެއިނެއް ފަށައިފިއެވެ.

"ރިސްޕޮންސް އެޕީލް ފޯރ އިދްލިބް ކްރައިސިސް"ގެ ނަމުގައި އިއުލާނުކޮށްފައިވާ މިކެމްޕޭނަކީ އިދްލީބަށް ހަމަލާ ދީފިނަމަ، ސޫރިޔާގެ އަވަށްޓެރި ތުރުކީވިލާތަށް ގިނަ އަދަދެއްގެ ރައްޔިތުން ހިޖުރަކުރުމުން ކުރިމަތިވެދާނެ އިންސާނީ ކާރިސާއަކަށް ތައްޔާރުވުމަށް ތުރުކީގެ އެންމެ ބޮޑު އިންސާނީ އެހީއަށް މަސައްކަތްކުރާ އީހާހާ ޖަމިއްޔާއިން ލޯންޗުކުރި ކެމްޕެއިނެކެވެ.

މި ކެމްޕޭންގެ މަޢުލޫމާތު ހިއްސާކުރަމުން އީހާހާއެކު ރާއްޖޭގައި މަސައްކަތްކުރާ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ޑިރެކްޓަރ މުޙައްމަދު އަލީ ވިދާޅުވީ ސޫރިޔާގެ ސަރުކާރުން މިފަދަ ޙަމަލާއަށް އިދްލީބަށް ދީފިނަމަ މިކަން ވެގެންދާނީ 21 ވަނަ ޤަރުނުގައި ދުނިޔޭއަށް ކުރިމަތިވާނެ އެންމެ ބޮޑު އިންސާނީ ކަރިސާއަށްކަމަށެވެ. މިހާރުވެސް ތުރުކީވިލާތުގައި 3.5 މިލިއަނާއި ގާތްކުރާ އަދަދަކަށް ސީރިއާގެ ރެފިއުޖީން އުޅެމުންދާކަން ފާހަގަކުރައްވާ މުޙައްމަދު އަލީ ވިދާޅުވީ ތުރުކީވިލާތުން އެކަނި ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލިއްޔަތުކަން ނެތްކަމަށެވެ.

މި ކެމްޕެއިންގެ މަޢުލޫމާތު ހިއްސާކުރަމުން އައިއޭސީގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ މި އިންސާނީ ކާރިސާގެ ސަބަބުން އަސަރުކުރާނީ ހަމައެކަނި ތުރުކީވިލާތަށް ނޫންކަމަށާއި މިކަމުގެ ސަބަބުން ހުޅަނގުގެ ޤައުމުތަކަށްވެސް އަސަރުކުރާނެކަމަށެވެ. އެހެންކަމުން މި ކެމްޕޭންގެ ދަށުން އައިއޭސީގެ ކުރީގެ ކެމްޕޭންތައް ފަދައިން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާކަން ނާއިފް ފާހަގަކުރެއްވިއެވެ. އެގޮތުން ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެކަން ނާއިފް ވަނީ ފާހަގަކުރައްވާފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކެއް އެއްވެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ވަނީ ސޫރިޔާގެ އެކި ސަރަހައްދުތަކާއި ރޮހިންޔާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ.