ޚަބަރު

އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފެއްދުމަށް ބަޔަކުދަނީ ރާވަމުން - ފުލުހުން


އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮށް ޤައުމުގައި ހަމަނުޖެހުން އުފައްދައި ޤައުމުގެ އަމަންއަމާންކަން ނަގާލުމަށް ބަޔަކު މަސައްކަތްކުރާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާ، އެފަދަ ކަމަކަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގްގެ ސްޕޯކްސްޕަރސަން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ހުރަސް އަޅަން ނުރައްކާތެރިކަންތައްތަކެއް ހިންގަން ބަޔަކު އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށާއި ތަހުގީގުތަކަށް ލިބިފައިވާ ކަމަށެވެ. އޭނާވަނީ ހަމަނުޖެހުން ހިންގަން މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ނޫންކަން ދެއްކުމަށް 2012 ވަނައަހަރު ރާއްޖޭގައި ހިނގިފަދަ ހުޅުޖެހުމާއި އާންމުންގެ މުދަލަަށް ގެއްލުން ދިނުމުގެ ހަރަކާތްތަކެއް ތަކުރާރުކުރަން ބަޔަކު ރާވަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.

އަދި އިންތިޙާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ނުރައްކާތެރި ޖަރީމާތަކެއް ހިންގުމަށް ރާވަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުފައިވާކަމަށާއި މިފަދަ އެއްވެސް ކަމެއް ހިންގުމުގެ ފުރުސަތެ ފުލުހުންނުދޭނެކަމަށްވެސް ޝިފާން ވިދާޅުވިއެވެ.