ޚަބަރު

ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ބްލޫވޭވް ނިންމާލައިފި


ރިޔާސީ އިންތިޚާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ފުލުހުން ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން ހިންގި އޮޕަރޭޝަން ބްލޫ ވޭވްގެ ފުލްސްކޭލް އެކްސަސައިޒް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސެޕްޓެމްބަރު 5ން 10ށް ކުރިއަށްގެންދިޔަ މި އެކްސަސައިޒުގައި ސެޕްޓެމްބަރ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހު ނުވަތަ އޭގެ ކުރިންނާއި އަދި ފަހުންވެސް ހިނގާފާނެފަދަ ޙާދިސާތަކުގެ މައްޗަށް ބަލައި ތަފާތު ސިނާރިއޯތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން މައުލޫމަތުދެއެވެ.

މި ފަރިތަކުރުންތައް މާލޭ ހިމެނޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށް ގެންގޮސްފައިކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސަސައިޒްގައިވަނީ ފުލުހުން ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމާއި ބްލޫ ވޭވް އޮޕަރޭޝަނުގައި ހަރަކާތްތެރިވާ އެކި ޓީމްތަކާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރާ ގޮތްތައް ބަލައި އެސެސް ކޮށްފައިވާކަމަށްވެސް ފުލުހުން ބުނިއެވެ.

މާލެއާއި އަތޮޅުތަކުގައި މި އެކްސަސައިޒް ކުރިއަށް ގެންދިޔުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ފުލުހުން ބުނިއެވެ.