ޚަބަރު

ޒަކާތު ފަންޑުގެ ސްކޮލަރޝިޕް 31 ފަރާތަކަށް ދީފި


މިއަހަރުގެ ޒަކާތު ފަންޑު ސްކޮލަރޝިޕް 31 ފަރާތަކަށް ދީފިއެވެ.

ޒަކާތު ފަންޑު ސްކޮލަރޝިޕް ލިބުނު 31 ފަރާތަކަށް އެކަމުގެ ލިޔުން ޙަވާލުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރައްމިއްޔާތުގައި 5 ދާއިރާއަކުން ސްކޮލަރޝިޕް ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދީނީ ރޮނގުން ތާއުލީމަށް ކިޔެވުމުގެ 14 ސްކޮލަރޝިޕާއި، ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން 3 ސްކޮލަރޝިޕާއި، އިންޖިނިއަރިންގގެ ދާއިރާއިން 2 ސްކޮލަރޝިޕާއި، ޤާނޫނީ ރޮނގުން 1 ސްކޮލަރޝިޕް އަދި ސިއްޙީ ދާއިރާއިން 11 ސްކޮލަރޝިޕެވެ. ސިއްޙީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރުމަށް ދީފައިވާ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ މެޑިކަލް އިންޓަރންޝިޕާއި އެމްބީބީއެސްއަށް ކިޔެވުމަށް ދީފައިވާ ސްކޮލަރޝިޕްތަކެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާ ލިޔުން ޙަވާލުކޮށްދެއްވީ ފިނެނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރާއި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދާއި ކީރިތިޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ މި 5 އަހަރު ތެރޭގައި ހޯދި ކާމިޔާބީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ދިވެހިންނާ ބީރައްޓެހި ކަމެއްގެ ގޮތުގައި އޮތް ވަޤުފްގެ ބޭނުން ރަނގަޅުގޮތުގައި ކުރެވެން ފެށުންކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ޒަކާތުގެ ސަބަބުން މުޖުތަމަޢަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ޒަކާތު ފަނޑުގެ އެހީގައި 31 މީހަކަށް ސްކޮލަރޝިޕް ދީފައިވާއިރު ޒަކާތު ފަނޑުގެ ދަށުން 73 ސްކޮލަރޝިޕްގެ ފުރުސަތު އިސްލާމިކް މިނިސްޓްރީންވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 87 މީހުން ފޯމް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ޝޯޓް ލިސްޓްކޮށްފައިވަނީ 53 މީހުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޒަކާތު ފަންޑުގެ އެހީގައި މަތީ ތަޢުލީމު ޙާސިލްކުރުމަށްދާ ކުދިންނަށް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލާފައިވާއިރު ލޯނު އެހީގައި ކިޔަވަމުންދާ ދަރިވަރުންނަށް މިފަންޑުގެ އެހީއަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ޒަކާތު ފަންޑުގެ އެހީގައި 2015 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 50 އަށްވުރެ ގިނަ ކުދިން ފޮނުވާފައިވެއެވެ.