ޚަބަރު

އިޤްތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް މުދަލުގެ ޒަކާތް ދައްކާ މިންވަރު އިތުރުކުރަންޖެހޭ - ފިނޭންސް މިނިސްޓަރ


މުދަލުގެ ޒަކާތަކީ އިސްލާމީ އިޤްތިޞާދުގެ ވަރަށް މުހިއްމު ބަހާއެއްކަމަށާއި ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށް މުދަލުގެ ޒަކާތް ދައްކާ މިންވަރު އިތުރުކުރަންޖެހޭކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޒަކާތު ފަންޑު ސްކޮލަރޝިޕް ލިބިފައިވާ ފަރާތްތަކަށް ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންކަމް ޓެކްސް ނުނަގައިގެން އެވާހަކަ ދައްކާއިރު އިސްލާމީ އިޤްތިޞާދުގެ އެންމެ މުހިއްމު އެއް ބަހާ ކަމުގައިވާ މުދަލުގެ ޒަކާތުގެ ވާހަކަ ދައްކަންޖެހޭކަމަށެވެ. އަދި މުދަލުގެ ޒަކާތް ހުރިހާ ފަރާތްތަކުން ދައްކަމުން ގެންދާނަމަ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއްކޮށް، ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޮލަރޝިޕްދިނުން ފަދަ އެތައް ކަމެއް ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މީގެ 5 އަހަރުކުރިއާ އަޅާބަލާއިރު މިހާރު ޒަކާތުގެ މަޢުލޫމާތު ޢާއްމުވެފައިވާ މިންވަރު އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޒަކާތުގެ ނިޞާބު ފަދަ މުހިއްމު މަޢުލޫމާތު ފަސޭހަ ކަމާއެކު ލިބެން ހުރުމަކީ މުދަލުގެ ޒަކާތް ދެއްކުމަށް ލިބޭ ބާރެއްގެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވެން ހުރި ބައެއްކަންކަމަށްވެސް މިނިސްޓަރ ގެ ވާހަކަފުޅުގައިވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދުނިޔޭގެ އިސްލާމީ ބޮޑެތި ޤައުމުތަކުގައި ބޭނުންކުރާ ޒަކާތު ކަލްކިއުލޭޓަރ ރާއްޖޭގައިވެސް ތަޢާރަފުކުރުން މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުދަލުގެ ޒަކާތަކީ ޤައުމުގެ އިޤްތިޞާދާ ސީދާގުޅުންހުރި ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާާޅުވީ، މި 5 އަހަރުގެ ތެރޭގައި މުދަލުގެ ޒަކާތްދައްކާ މިންވަރު އިތުރުވުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާކަން ދައްކުވައިދޭކަމެއް ކަމަށެވެ. އަދި ޒަކާތު ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބުނު ދަރިވަރުން ކިޔަވައި ނިންމުމަށްފަހު އެނބުރިއައިސް ޤައުމަށް ޚިދުމަތް ކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.