ޚަބަރު

ރަބާ އަދަވިއްޔާ މުޒާހަރާތަކާ ގުޅިގެން 75 މީހެއްގެ މައްޗަށް މަރުގެ ޙުކުމް


2013 ވަނަ އަހަރު މިސްރުގައި އިޚްވާނުލް މުސްލިމީން ނުވަތަ މުސްލިމް ބްރަދަހުޑަށް ތާއީދުކޮށް ބޭއްވި މުޒާހަރާތާކާ ގުޅިގެން، 75 މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފިއެވެ. ޙުކުމް އިއްވުނު މީހުންގެ މައްޗަށް މިސްރުގެ ދައުލަތުން އުފުލާފައިވަނީ، ހަމަނުޖެހުމަށް މަގުފަހިކުރުމުގެ ދަޢުވާ އާއި، މަރުގެ ދަޢުވާ އާއި ޤާނޫނާ ޚިލާފަށް މުޒާހަރާކުރުމުގެ ދަޢުވާއެވެ.

ރަބާ އަދަވިއްޔާ މައިދާނުގައި ކުރިއަށްގެންދިޔަ މި މުޒާހަރާގައި ބައިވެރިވި ހަތް ސަތޭކަ މީހެއްގެ މައްސަލަ އެއްފަހަރާ ބަލާފައިވާތީ، އިންސާނީ ޙައްޤުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ މިސްރުގެ ޝަރުޢީ ނިޒާމަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. މި މައްސަލައާ ގުޅިގެން މަރުގެ ޙުކުމް އިއްވި މީހުންގެ ތެރޭގައި މުސްލިމް ބްރަދަހުޑްގެ ރޫޙާނީ ލީޑަރު މުޙައްމަދު ބަދީޢު އާއި، އިއްސާމް އަލް އިރައިނާއި މުޙައްމަދު ބުލްތާޤީ އާއި ޞަފްވަތު ޙިޖާޒީ ހިމެނެއެވެ.

ރަބާ އަދަވިއްޔާ މައިދާނުގައި މުޒާހަރާކޮށްފައިވަނީ 2013 ވަނަ އަހަރު އޭރުގެ އަސްކަރީ ވެރިޔާ ޢަބްދުލްފައްތާޙުއް ސީސީ، ރައީސް މުޙައްމަދު މުރްސީ ވެރިކަމުން ދުރުކުރުމުން، އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. އެމްނެސްޓީ އިންޓަރނޭޝަނަލުން ބުނާގޮތުގައި އެ މުޒާހަރާތަކާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި އައްސަތޭކަ މީހުން ވަނީ މަރާލާފައެވެ. މީގެ ތެރޭގައި ފުލުހުންގެ 43 މީހުން ހިމެނެއެވެ.

ސަރުކާރުން ދަޢުވާ ކުރަނީ މުޒާހަރާގެ ބައިވެރިންގަ އަތުގައި ހަތިޔާރު ހުރިކަމަށެވެ. ސަރުކާރުން މި މުޒާހަރާގެ ބައިވެރިން ސިފަކުރަނީ ބާޣީންނާއި ޓެރަރިސްޓުންގެ ގޮތުގައެވެ.