ޚަބަރު

ބުރިޖުން ހުޅުމާލެއަށް ފަސޭހަކަމާއެކު ދަތުރުކުރުން، ރައްޔިތުންނަށް ބޮޑު ލުޔެއް!


މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަވެގެންދާނެ ދުވަހެކެވެ. ފައިމަގުގައާއި ވެހިކަލްތަކުގައި ކަނޑު ހުރަސްކޮށް ބުރިޖެއްގެ މަތިން، މާލެއިން ހުޅުމާލެއަށް ދެވޭނެކަމަށް ކުރިން އުންމީދު ނުކުރިނަމަވެސް މިއަދު އެ އުއްމީދު ހަޤީޤަތަކަށް ވެފައެވެ. ސިނަމާލެ ބްރިޖް ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ދިޔަ އާންމުން ބުނީ މިއީ ހުވަފެނެއް ހަޤީޤަތަކަށް ވުން ކަމަށެވެ.

ސިނަމާލެ ބްރިޖް އާންމުންނަށް ހުޅުވާލުމަކީ، މާލެއާ ހުޅުމާލެއާ ދެމެދު ދަތުރުކުރުމުގައި ދަތި އުދަނގޫތަކާ ކުރިމަތިލި އެތައް ބަޔަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އާންމު ދަތުރުތަކަށް ބްރިޖް ހުޅުވާލާފައިވާއިރު، ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް، ދިއުމަށް އެތައް އާންމުންނެއް މިއަދު ދަތުރުފެށިއެވެ. އެއްބަޔަކު ކާރާއި ސައިކަލްފަދަ ވެހިކަލްތަކުގައި ދަތުރުފެށިއިރު، ބައެއް މީހުން ހިނގާފައި މާލެއިން ހުޅުމާލެއަށް ދާން ދަތުރުފެށިއެވެ.

ބްރިޖްމަތިން ދިޔަ މީހުންގެ މޫނުމަތިން ފެންނަންހުރީ ހިންހަމަޖެހުމާއި އުފާވެރިކަމެވެ. ގިނަ ބަޔަކު ދިޔައީ މި ތާރީޚީ ބިނާ ހުރަސްކުރަން ފެށި ދަތުރުގެ ހަނދާންތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝެއަރކުރަމުންނެވެ. ބްރިޖް މަތިން ދިޔަ މީހުން ބުނީ މިއީ ދުވަހަކުވެސް ވާނެކަމަށް އުންމީދުކުރި ކަމެއް ނޫންކަމަށެވެ.

"މިއީ ދުވަހަކުވެސް ވާނެކަމަށް އުންމީދުކުރިކަމެއް ނޫން. އެކަމު މިއަދު މާލެއިން ސީދާ އެއް މަގުން ހުޅުމާލެއަށް ދުއްވާލާފައި ފަސޭހަކަމާއެކު އާދެވިއްޖެ." ބްރިޖުން ހުޅުމާލެއަށްދިޔަ މީހަކު ބުންޏެވެ.

"ކުރިން ހުވަފެނެއްގައިވެސް މިކަން ވާނެކަމަށް ޤަބޫލުނުކުރަން. އެކަމަކު މިސަރުކާރުން މިއޮތީ މިކަން ކޮށްދީފައި. މިކަމުގެ ސަބަބުން އެންމެނަށްވެސް ބޮޑު ފަސޭހައެއްވާނެ." ބްރިޖުން ހުޅުމާލެއަށްދިޔަ މީހަކު ބުންޏެވެ.

ފައިމަގުގައާއި ވެހިކަލްތަކުގައި ކަނޑު ހުރަސްކޮށް ބުރިޖެއްގެ މަތިން، މާލެއިން ހުޅުމާލެއަށް ދިއުމުގެ ފުރުޞަތު ލިބުމަކީ ގިނަބަޔަކު ކުރިން އުންމީދު ނުކުރާ ކަމެއްނަމަވެސް ރައީސް ޔާމީން މިވަނީ މި ހުވަފެން މިއަދު ހަޤީޤަތަކަށް ހައްދަވާ ދެއްވާފައެވެ. މިއީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ އަދި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ދަތުރުކުރާ އާންމުންނަށް ލިބިގެންދިޔަ ބޮޑު ފަސޭހައެއް ކަމަށް މި ބްރިޖް ހުރަސްކޮށް ފުރަތަމަ ފަހަރަށް މާލެއިން ހުޅުމާލެއަށް ދިޔަ މީހުން ސިފަކުރިއެވެ. އަދި މިއީ ތަރައްޤީގެ ގޮތުން ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ކުރިއެރުމެއްކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

"ވަރަށް އުފާވެއްޖެ މިބްރިޖްގައި ހުޅުމާލެއަށް އާދެވުނީމަ. މިއީ ވަރަށް ބޮޑު ތަރައްޤީއެއް. ރައީސް ޔާމީނަށް މިކަމަށް ޝުކުރުއަދާކުރަން ބޭނުން" ބްރިޖް ހުރަސްކޮށް ހުޅުމާލެއަށް ދިޔަ ދޮށި އުމުރުގެ މީހަކު ބުންޏެވެ.

ކުރިން މާލެއިން ހުޅުމާލެއަށް ދިއުމަށް ފެރީ ޓާމިނަލްގައި އެތައް އިރަކު ކިއުގައި ތިބެންޖެހުމާއި، ޚާއްޞަކޮށް، ހަފްތާ ބަންދާއި ޗުއްޓީތަކާ ދިމާކޮށް ފެރީ ޓަރމިނަލްގައި ކިއު ބޮޑުވެ އެތައް އިރެއް ވަންދެން ތިބެންޖެހޭތަން ކުރިން ފެނުނު ނަމަވެސް އެ ތަކްލީފުތައް ދެން އުފުލަން ނުޖެހޭނެކަމަށް އާންމުން ބުނެއެވެ. ފެރީ ޓަރމިނަލްގައި ހޭދަކުރާ ވަގުތާއި، ފެރީއިން ހުޅުމާލެއަށް ދާން ނަގާވަގުތައް ބަލާއިރު 30-40 މިނެޓުން ކުރެވުނު ދަތުރުތައް މިހާރު މިވަނީ ދެގުނަ އަވަސް ވެފައެވެ.