ޚަބަރު

"ބްރިޖު ސަޅި" : މިރެއަކީ އުންމީދީ ޚަބަރުތަކެއް ލިބޭނެ ރެއެއް- ޕީޕީއެމް


މިރެއަކީ އުއްމީދުގެ ރެއެއްކަމަށާއި، ތަރައްޤީއާއި ޤައުމުގެ ކުރިމަގަށް ލޯބިކުރާ ވިހާވެސް ގިނަ ފަރާތްތަކުން ކާނިވާ ސަރަޙައްދުގައި ބާއްވާ "ބްރިޖު ސަޅި" ޖަލްސާއަށް ވަޑައިގަތުމަށް ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން އިލްތިމާސްކޮށްފިއެވެ.

ޕީ.ޕީ.އެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ބްރިޖު ސަޅި" ޖަލްސާއަށް ވަމުންދާ ތައްޔާރީތަކާގުޅޭ ގޮތުން ވާހަކަދައްކަވަމުން ޕީ.ޕީ.އެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ޙުސެއިން މަނިކު ވިދާޅުވީ، މިރޭ ޕީ.ޕީ.އެމުން ކާނިވާ ސަރަޙައްދުގައި ބާއްވާ "ބްރިޖު ސަޅި" ޖަލްސާއަށް މިރޭ 7:30 ފެށިގެން އާއްމުންނަށް ވަދެވޭނެ ކަމަށެވެ. އަދި މިރޭގެ ޖަލްސާއަކީ ވަރަށް އުއްމީދީ ޖަލްސާއެއްކަމަށާއި، މި ޖަލްސާގައި ރައްޔިތުންނަށް އުފާވެރިކަން ގެނުވާނެ މުހިއްމު ކަންތައްތަކެއް އިޢުލާން ކުރެވިގެންދާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ބައިވެރިވެވަޑައިގެން، ޖަލްސާގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވާނެއެވެ.

ޕީ.ޕީ.އެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީ.ޕީ.އެމްގެ އަންހެނުންގެ ގޮފީގެ ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތެއްކަމަށްވާ ނަސްރީނާ މުޙައްމަދު ދީދީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކަނބަލުން ބޭނުންކުރަމުންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި މުޒާހަރާތަކަށް ނެރެންކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ކަނބަލުންނަށް ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން އަންހެނުންނަށް ކުންފުނިތަކުގެ ބޯޑުން ފުރުޞަތު ހޯދައިދިނުމާއި، ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނީ ރައީސް ޔާމީންކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ދެވަނަ ދަޢުރަކަށް ހޮވާނީ ކަނބަލުންގެ ފުރިހަމަ ބައިވެރިވުމާއެކުގައިކަން ސާބިތުކޮށްދިނުމަށް ވީހާވެސް ގިނަ ކަނބަލުން މިރޭ "ބްރިޖު ސަޅި" ޖަލްސާގައި ބައިވެރިވުމަށް ނަސްރީނާ ވަނީ ގޮވާލާފައެވެ.

ވެރިކަން ކުރާ މައި ޕާޓީ، ޕީ.ޕީ.އެމުން މިރޭ ކާނިވާ ސަރަޙައްދުގައި ބާއްވާ ޖަލްސާއަށް ދައުވަތު ދީގެން އެއްވެސް ރަށަކުން މީހުން ނުގެންނާނެކަމަށާއި، މި ޖަލްސާގައި ބައިވެރިވާނީ މާލޭ ސަރަޙައްދަށް ނިސްބަތްވާ، ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުންކަމަށް ޕީ.ޕީ.އެމުން ބުނެއެވެ.