ޚަބަރު

އަސަދު އަވަހާރަކޮށްލަން މަޝްވަރާއެއް ނުކުރަން: ޓްރަމްޕް


ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އަވަހާރަކޮށްލުމަށް ރާވާ ކުރިއަށްގެންދިޔަ މަޝްވަރާތަކެއްގައި ބައިވެރިވަޑައިނުގަންނަވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، ދުނިޔޭގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ބޮބް ވުޑްވަރޑް މިހާރު ލިޔުއްވަމުން ގެންދަވާ ފޮތެއްގައި ޓްރަމްޕް މިފަދަ މަޝްވަރާތަކެއް ކުރެއްވިކަމަށް ބުނާކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަސަދު އަވަހާރަކޮށްލުމާ ބެހޭ އެއްވެސް މަޝްވަރާތަކެއް ކުރިއަށް ނުގެންދަވާކަމަށެވެ.

މިފަދަ މަޝްވަރާތަކާ ބެހޭ ހިޔާލެއް ވެސް ނުކުރައްވާ ކަމަށާއި މިފަދަ ޚިޔާލެއް ނުވެސް ކުރައްވާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ވުޑްވަރޑްގެ ފޮތަކީ ޚިޔާލީ ވާހަކަތަކެއް މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވެފައި މިވަގުތު ސޫރިޔާގައި އިދިކޮޅު ފަރާތްތައް އެންމެ ގިނައިން ދިރިއުޅޭ ސަރަޙައްދު އިދްލީބުގައި ބޮޑު ލޭއޮހޮރުވުމެއް ހިންގުމަކީ އެމެރިކާއިން ވަރަށް ހިތްހަމަނުޖެހޭނެ ކަމެއް ކަމަށެވެ.

ޓްރަމްޕް މީގެ ކުރިން ވަނީ އިދްލިބަށް ހަމަލާ ނުދިނުމަށް، ސޫރިޔާ އާއި އީރާނުގެ އިތުރުން ރަޝިޔާއަށް އިންޒާރުދެއްވާފައެވެ.