ޚަބަރު

އަމިއްލަ ފަރާތްތަކަަށް އެހީދިނުމާބެހޭ ޤަވާއިދެއް އައްޑޫސިޓީ ކައުންސިލުން ފާސްކޮށްފި


އައްޑޫ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އެހީ ދިނުމާބެހޭ ޤަވާއިދެއް ފާސްކޮށްފިއެވެ.

މިއީ ކަނޑައެޅޭ އުޞޫލެއްގެމަތިން އައްޑޫ ސިޓީ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ ދީނީ ކަންކަމާއި، ތަޢުލީމާއި، ފަރުދުންގެ ދުޅަހެޔޮކަމާއި، ކުޅިވަރާއި، މުނިފޫހިފިލުވުމާއި، އިޖްތިމާޢީ ކަންކަމާއި، ޘަޤާފަތާއި، އިންސާނީ ވަޞީލަތްތަކުގެ އިތުރަށް ދިރޭތަކެތީގެ މުއްސަނދިކަން ލިބިފައިވާ މުޖުތަމަަޢެއް ބިނާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި އެކުލަވާލި ޤަވާޢިދެކެވެ.

މީގެ އިތުރަށް ޖަމްޢިއްޔާ އަދި ޖަމާޢަތްތަކަށް ކައުންސިލުގެ ބަޖެޓު ތަންދޭ މިންވަރަކުން ފައިސާ އާއި ފަންނީ އަދި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަކީވެސް މި ޤަވާއިދުގެ މަޤްޞަދުގެތެރޭގައި ހިމެނޭކަމެއް ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އެހީ ދިނުމާބެހޭ ޤަވާއިދުގައި މައިގަނޑު ގޮތެއްގައި އެހީ ދިނުމަށް ކަނޑައަޅާފައިވަނީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ކުރުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ކަމުގައި ވީނަމަވެސް ޤުދުރަތީ ކާރިޘާއެއް ނުވަތަ އަލިފާނުގެ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ އެ ޙާދިސާއަކުން ދިރިއުޅުން ކުރިއަށް ނުގެންދެވޭ ވަރުގެކަމެއް މެދުވެރިވެ އެފަރާތަކަށް އެހީވާނެ ނުވަތަ އެފަރާތުގެ މާލީ ތަނަވަސްކަމެއް ނެތްފަރާތްތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް ޢާއިލާ ރޫޅި ބިކަވެ ހާލުގައި ޖެހިފައިވާ އަށާރަ އަހަރު ފުރިފައިނުވާ ކުދިންނަށް އެހީތެރިވެދޭނޭ ފަރާތެއް ނުވަތަ މާލީ ތަނަވަސްކަމެއް ނެތްނަމަ އެފަދަ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ނުވަތަ މިފަދަ އެހެން ކަމެއް ކުރުމަށްޓަކައި އެހީއަށް ކައުންސިލްގައި އެދުމުން އެފަދަ އެހީވެސް ކައުންސިލުން ފޯރުކޮށްދޭނެކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ސްކޫލްތަކަށާއި، އައްޑޫސިޓީގައި ބާއްވާ ޚާއްޞަ މުބާރާތްތަކަށް ހިތްވަރުދިނުމުގެގޮތުން އެހީ ދެވިދާނެ ކަމަށާއި، މިޤަވާއިދުގައިވާ ގޮތުންމަތިން ދޭ އެހީއަކީ ފައިސާ އާއި ފަންނީ އަދި އެހެނިހެން ގޮތްގޮތުން އެއްވެސް ބަދަލަކާނުލާ ދެވޭއެހީއެއްކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނެފައިވާގޮތުގައި މި ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށްޓަކައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވާފައިކަމަށާއި، ޤަވާއިދަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ފާސްކުރި މި ޤަވާއިދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އައްޑޫ ސިޓީ ކައުންސިލުން އެކުލަވާލައި ފާސްކޮށްފައިވާ ޤަވާއިދެކެވެ.