ޚަބަރު

ތަރައްޤީއަށް އާއެކޭ ބުނާނަމަ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަންޖެހޭ- މިނިސްޓަރ ނާޒިމް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫން، ދިވެހިރާއްޖެ ތަރައްޤީކުރައްވަމުން ގެންދަވަނީ އެއްވެސް ރައްޔިތަކު ބާކީނުވާނެހެންކަމަށާ، އެހެންކަމުން ތަރައްޤީއަށް އާއެކޭ ބުނާނަމަ އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވަންޖެހޭކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ މިހެން ވިދާޅުވީ، ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމުގެ ގޮތުން މިހާރު ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވަނީ ބ.ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ އަށް ވަޑައިގެން އެރަށްރަށުގައި ތިބި ރައީސް ޔާމީނަށާއި މި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އެ ރަށްރަށުގެ ބައެއް އާންމުންނާއި ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ފުޅަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލާލިނަމަވެސް މި ސަރުކާރުން ގެންނަމުންދާ ތަރައްޤީ ފެންނާނެކަމަށާ ތަރައްޤީއަށް އާއެނކޭ ބުނާނަމަ ކުރިއަތް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވޯޓު ދެއްވަން ޖެހޭކަމަށެވެ.

ރައީސް ޔާމީން ތަރައްޤީ ގެންނަވަނީ އެއްވެސް ރައްޔިތަކު ބާކީނުކޮށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އާބާދީ މަދު ކުދި ރަށްރަށަށް އިސްކަންދީގެން ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށާ، މިހާރުވެސް ގިނަ މަޝްރޫޢުތަކެއް އެކި ރަށްރަށުގައި ކުރިއަށްދާކަމަށެވެ. އަދި ރަށްރަށަށް ބޭނުންވާ ކަންކަން ދެނެގަނެ، އިތުރު މަޝްރޫޢުތަކެއް ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ހެލްތް މިނިސްޓަރގެ މިދަތުރުފުޅުގައި ވަނީ، ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫގެ ސިއްޙީ މަރުކަޒަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވާ، މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި މަރުކަޒުތަކަށް ދިމާވެފައިވާ ދަތިތައްވެސް އޮޅުންފިލުއްވާފައެވެ.

މި ދަތުރުފުޅުގައި ފެހެންދޫއާއި ފުޅަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެ ދެރަށުގެ ކަރަންޓްގެ މައްސަލަ ސަރުކާރުން ހައްލުކޮށްދެއްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ގޮއިދޫގައި ދެއްކެވި ވާހަކަފުޅުގައި އެރަށުގައި ހަދާ ފުޓްސަލް ދަނޑު ލެވެލް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަން ފާހަގަކުރައްވާ، މިކަމަކީ ޒުވާނުންނަށް ލިބުނު އުފަލެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.