ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމަަށް ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވާ- ޑރ.ޝަހީމް


ކުޅުދުއްފުށީ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުކުރުމަށް އެދޭނަމަ އެރަށު ރައްޔިތުންގެ ވޯޓާއެކު ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދެއްވުމަށް އެމަނިކުފާނުގެ ރައިން މޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު އެދިވަޑައިގަންނަވައިފިއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އޮތް ތާއީދު އިތުރު ކުރެއްވުމަށް ހދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީގައި ހުރި، ޕީޕީއެމްގެ އަސުރުމާ ޖަގަހާގައި ވާހަކަ ދައްކަފުޅުވަމުންނެވެ.

ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާ ތަރައްޤީގެ އެކި މަޝްރޫޢުތައް އިތުރަށް ފުޅާ ކުރުމުގެ ފުރުޞަތު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އެގޮތުން މި ސަރުކާރުން ކުޅުދުއްފުށީގައި ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓް ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަޤީނޭ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ ކުޅުދުއްފުށީ އެއާޕޯޓް އިންޓަނޭޝަނަލް ކުރާނެކަން. އަޅުގަނޑަށް ހަމަ ޔަގީން ހަމަ ކޮށްފާނެކަން. އެހެން ވީމާ އަޅުގަނޑު ދަންނަވާނީ މިރަށު ރައްޔިތުން އެކަން ބޭނުންނަމަ ރައީސަށް ދެވަނަ ދައުރެއް ދެއްވާ." ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ މާލެއިން ފުރައިގެން ވައިގެ މަގުން ސީދާ ފްލައިޓްގައި ކުޅުދުއްފުއްޓަށް އާދެވޭނެ ދުވަސް ވަނީ ދާދި ގާތުގައި ކަމަށާއި ކުޅުދުއްފުށީ އެއާޕޯޓަކީ އެރަށާއި އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ. އަދި ޚުދު އެމަނިކުފާނުވެސް ވަރަށް ބޮޑަށް އެކަމަށް އެދިވަޑައިގަންނަވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހުރި އެއަރޕޯޓްތައް ސަރުކާރުން ބައިނަލްއަޤްވާމީ އެއަރޕޯޓްތަކަކަށް ބަދަލުކުރަމުންދާކަން ފާހަގަކުރައްވަމުން ޑރ.ޝަހީމް ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެއްމެ ދެކުނުގައިވާ އައްޑޫސިޓީއަށް ރާއްޖެއިން ބޭރުގެ ފުލައިޓްތައް ދަތުރުކުރަން ފަށާފައިވާއިރު، ގދ.ކާޑެއްދޫ އެއާޕޯޓަށްވެސް ވަރަށް އަވަހަށް ރާއްޖެއިން ބޭރުގެ ފްލައިޓްތައް ޖައްސަން ފަށާނެ ކަމަށެވެ.

ޑރ.ޝަހީމްގެ ވާހަކަފުޅުގައި ވަނީ ރައީސް ޔާމީން ރާއްޖެއަށް ގެންނަވަމުންދާ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ސިނަމާލެ ބްރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި ޔޫތް ސިޓީއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ޑރ.ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައްރަށުގެ ބަނދަރުތަކާއި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތްވެސް ޑރ.ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.