ތަރައްްޤީ

އައްޑޫސިޓީގައި ވޯރކް ވިސާއާއި ބިޒްނަސް ވިސާގެ ޚިދްމަތް މިމަހު ފަށަނީ


ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި މިމަހުގެ ތެރޭގައި ވޯރކް ވިސާއާއި ބިޒްނަސް ވިސާ ދޫކުރުމުގެ ޚިދުމަތްދޭން ފަށާނެކަމަށް އައްޑޫ އިންޓަނޭޝަނަލް އެއރަޕޯޓް ކުންފުނިން ބުނެފިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް މީޑިއާއާ ޙިއްސާ ކުރައްވަމުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަޠީފު ވިދާޅުވީ އައްޑޫސިޓީ ފަތުރުވެރިކަމުގެ މަންޒިލެއްގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް، ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް މިހާރު ލިބެންނެތް ޚިދުމަތްތައް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ ޢަމާޒެއްކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ ފްލައިޓުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސޭ ފެންވަރަށް އެއަރޕޯޓު ތަރައްޤީކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެއަރޕޯޓުގައި ލިބެން ނެތް ޚިދުމަތްތަކުގެ ތެރެއިން، އެއަރޕޯޓުން ވޯރކް ވިސާއާއި ބިޒްނަސް ވިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެންމެ ފަހު ތައްޔާރީތައް މިހާރު ވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ހޯލްޑިންގް ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި ފެސިލިޓީ މިމަހުގެ 15 ވަނަދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަޠީފު ވިދާޅުވިއެވެ. އަދި ހޯލްޑިންގް ފެސިލިޓީ ނިމުމާއެކު މިމަހުގެ ފަހުކޮޅު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓެކޭ އެއްގޮތައް ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި ވޯރކް އަދި ބިޒްނެސް ވިސާގެ ޚިދްމަތް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވޯރކް ވިސާއާއި ބިސްނަސް ވިސާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޕްރޮސެސްކުރުމަށްޓަކައި އިމިގްރޭޝަނުން ވަނީ އައްޑޫސިޓިގައި ސާރވޭކޮށްފައެވެ. އަދި މިކަމަށް ބޭނުންވާ ތަމްރީނު ދީ މިކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން މައުލޫމާތު ދެއެވެ.