ޚަބަރު

ސިނަމާލެ ބްރިޖާއެކު ރައްޔިތުންގެ ޝުކުރު ރައީސް ޔާމީނަށް


މިދިޔަ ބުރާސްފަތި ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ތަރައްޤީގެ އާ ސަފްޙާއެއް ލިޔެވިގެންދިޔަ ދުވަހެއކެވެ. ޚާއްސަކޮށް މާލޭއާއި ހުޅުމާލޭފަގައި ދިރިއުޅޭ ރާއްޖޭގެ އެކިކަންކޮޅުތަކުގެ އެތައްހާސް ރައްޔިތުންގެ މޫނުމަތިން އުފާވެރިކަމާއި ހިނިތުންވުން ފެނުނު ދުވަހަކަށް މިދުވަސްވެގެންދިޔައީ ރާއްޖޭގެ ތާރީޚުގައި މާސިންގާ ފުން ކަނޑެއް ހުރަސްކޮށް އެއްރަށުން އަނެއްރަށަށް އެޅި ފުރަތަމަ ބްރިޖް، "ސިނަމާލެ ބުރިޖު" ރަސްމީކޮށް ހުޅުވި ދުވަހަށް މިދުވަސްވުމުންނެވެ.

"ސިނަމާލެ ބުރިޖު" ރަސްމީކޮށް ހުޅުވުމާއެކު ރައްޔިތުންގެ މޫނުމަތިން ފެނިގެންދިޔަ އުފާވެރިކަމާއެކު، އެމީހުންގެ އުފާވެރިކަމުގެ ޝުޢޫރުތައްވެސް ދަނީ ފާޅުކުރަމުންނެވެ. މީސްމީޑިއާގެ އެކި ވަސީލަތްތަށް ބޭނުންކޮށްގެން ގިނަ ބަޔަކުދަނީ މިއަދުގެ ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނަށް ތާރީފުކޮށް ޝުކުރު އަދާކުރަމުންނެވެ. ފޭސްބުކާއި ޓްވިޓާ ފަދަ މަންސަތަކުގައި ބްރިޖްގެ ފޮޓޯތައް ގިނަ ބަޔަކު ޙިއްސާކުރަމުންދެއެވެ. ބުރިޖުފަދަ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ކާމިޔާބުކަމާއެކުނިމި ރައްޔިތުންނަށް އެކަންކަމުގެ ފޮނިމީރުކަން ލިބިގެންދާއިރު، މިއީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ހަރުދަނާ ދުރުވިސްނުންފުޅާއި، ސިޔާސަތުގެ ހެޔޮނަތީޖާކަން ފާހަގަކޮށް ރައްޔިތުންދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.

ސިނަމާލެ ބުރިޖް ރަސްމީކޮށް ހުޅުވާލިރޭ، ރެކޯޑް ޢަދަދަކަށް އެސަރަޙައްދަށް މީހުން އެއްވިއެއްވުމުންވެސް، ރައީސް ޔާމީން ގެނެސްދެއްވާ ޒަމާނީތަރައްޤީ ދިވެހިރައްޔިތުން ބަލައިގަންނަމިންވަރު ހާމަވާކަން ގިނަބަޔަކު ފާހަގަކުރެއެވެ. ބްރިޖްގެ ކުލަ ރީތި މަންޒަރުތަކާއި، ބަޑިބޭހުގެ ކުޅިވަރުތަކުން ރައްޔިތުންނަށް ލިބިގެންދިޔަ އުފާވެރިކަމަކީ އިސްރާފެކޭ، އެއީ ބޭކާރުކަމެކޭ ބުނެ އިދިކޮޅުފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންދަނީ ރައްދުދެމުންނެވެ.