ޚަބަރު

ދީނީ އަދި ޤައުމީ ފިކުރާ ދެކޮޅަށް މަސައްކަތްކުރާ ފިކުރަކީ އަދިވެސް އެމްޑީޕީ - ރައީސް ޔާމީން


އިސްލާމްދީނާއި ދިވެހިޤައުމިއްޔަތުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރާ ފިކުރަކީ އަދިވެސް އިދިކޮޅު އެމްޑީޕީކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފާދިއްޕޮޅު ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މިހާރު ކުރެންދޫގެ ފިކުރަކީ މިސަރުކާރުގެ ފިކުރުކަމަށާ، މިރަށުގައި މިސަރުކާރަށް ބޮޑު އަޣްލަބިއްޔަތެއްގެ ތާޢީދު އޮތްކަން ފެނިގެންގޮސްފައިވާކަން އެނގިވަޑައިގެންފިކަމަށެވެ.

ޅ.ކުރެންދޫ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވީ، ކުރެންދޫއަކީ އިދިކޮޅު އެމްޑީޕީގެ ރަށެއްގެ ގޮތުގައި މީގެ ކުރިން ސިފަވެފައިއޮތް ރަށަކަށް ވީނަމަވެސް އެރަށުގެ ތަރައްޤީއަށް އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ހޭދަކޮށްފައި އޮތީ 1.5 މިލިއަން ރުފިޔާކަމަށެވެ. އެހެންނަމަވެސް މިހާރު ނިމިފައިހުރި މަސައްކަތްތަކަށް ބަލާއިރު މިސަރުކާރުން މިހާތަނަށް 91 މިލިއަން ރުފިޔާ ކުރެންދޫގެ ތަރައްޤީއަށް ހޭދަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ތަފާސްހިސާބުން ކުރެންދޫ ރައްޔިތުން މިހާރު ޕީޕީއެމްގެ ފިކުރަށް ތާޢީދުކުރަންޖެހޭ ސަބަބު ހާމަކޮށްދޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާތަނަށް ކުރެންދޫ އެކަށީގެންވާގޮތުގައި ތަރައްޤީވެފައި ނުވަނީ އެމްޑީޕީގެ ސަރުކާރުގައި އިހުމާލުވެފައިވާތީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުރެންދޫގައި ވަރަށްއަވަހަށް އޭޓީއެމްގެ ޚިދުމަތް ފައްޓަވާނެކަމަށް ވިދާޅުވިއެވެ. ކުރެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމށްވާ ރަށްގިރުމުގެ މައްސަލއަށް މިހާރު ހައްލު ލިބިފައިވާއިރު މިރަށުގެ އިތުރު ސަރަޙައްދުތައްވެސް ޙިމާޔަތްކޮށް ދާއިމީ ހައްލެއް މިކަމަށް ހޯއްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23 އަށް މަޑުނުކޮށް ކުރެންދޫގެ ބަނދަރުގައި އޮޑިދޯނިފަހަރު އެޅޭނެގޮތަށް ތަރައްޤީކޮށްދެއްވާނެކަމަށާއި، މިހާރު ހަދަން ފަށާފައިވާ ބަނދަރުގެ މަސައްކަތްތައް ނިންމާނީވެސް ހަމަމިސަރުކާރުންކަމަށެވެ. މިވަގުތު ކުރެންދޫއަށް އެންމެ ބޮޑަށް ބޭނުންވަނީ ފެނާއި ނަރުދަމާގެ ޚިދުމަތްކަމާއި، ޑިޒައިންގެ މަސައްކަތްތައް މިހާރު ނިމިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދާދި އަވަހަށް އެމަސައްކަތްތައް ފެށިގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސް ޔާމީން ދެއްވިއެވެ.

އިދިކޮޅު އެމްޑީޕީގެ ފުކުރަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކެނޑިނޭޅި ރާއްޖެ ބަދުނާމުކުރުމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއާމެދު ފިޔަވަޅު އެޅުމުގެ އިންޒާރު ބޭރުގެ ފަރާތްތަކުން ދެމުންދާކަމަށެވެ. ރައީސް ވިދާޅުވީ ތަރައްޤީއާއި ރައްޔިތުންގެ ފިކުރަށް ހުރަސްއޅާ ފިކުރަކީ ހަމައެކަނި އިދިކޮޅު އެމްޑީޕީގެ ފިކުރުކަމަށާއި އެއީ ތަރައްޤީއާއި ޤައުމިއްޔަތާއި އުސޫލްތަކާއި ރައްޔިތުންނާ ދިމާއިދިކޮޅު ފިކުރެއްކަމަށެވެ.

ދިވެހިން އެދޭ ސިފަތަށް ދިވެހިޤައުމުގައި ބާއްވަން ބޭނުންނަމަ އެމަނިކުފާނަށް ތާއީދުކުރައްވައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.