ޚަބަރު

އާންމުންގެ ލޯތަށް ބްރިޖުން ދައްކާލި ކުލަގަދަ ހަރަކާތްތަކަށް ހުއްޓިފައި


ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ތާރީޚުން ފާހަގަކޮށްލެވޭ ޖާގައެއް ހޯދާނެ ބިނާއެކެވެ.

ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވިގެންދިޔައިރު، ބްރިޖު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފެނިގެންދިޔަ ބަޑިބޭހުގެ ކުޅިވަރުތަކާއި ލޭޒަރ ލައިޓް ޝޯވއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ހަރަކާތެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސިނަމާލެ ބްރިޖް ރަސްމީކޮށް ހުޅުވާލެއްވުމާއެކު އެންމެންގެ ލޯތައް ހުއްޓިގެންދިޔައީ އެސަރަޙައްދުގައި ކުރިއަށްދިޔަ ބަޑިބޭހުގެ ކުޅިވަރުތަކަށެވެ.

ކުދިބޮޑު އެންމެންގެ ތައުރީފް ހުއްޓުމެއްނެތި މި ހަރަކާތްތަކަށް ލިބިގެންދިޔައެވެ. އެގޮތުން ލޭޒާ ލައިޓް ޝޯއިން އާންމުންގެ ފޯރި ގުގުމާލިއިރު ހަވާއެރުވުމާއި ބަޑިބޭހުގެ ހަރަކާތްތައް ވެގެންގޮސްފައިވަނީ މިހާތަނަށް ދިވެހިން ދެކެފައިނުވާފަދަ ފުރިހަމަ ކުލަގަދަ ހަރަކާތަކަށެވެ.

ބަޑިބޭހުގެ ކުޅިވަރުތަކުން ދުނިޔޭގެ ރެކޯޑް ޤާއިމްކޮށްފައިވާ ކޭވަންޓުން ހުށަހަޅައިދިން ބަޑިބޭހުގެ ކުޅިވަރުތަކަށް އާންމުންގެ ތައުރީފް އޮހިގެންދިޔައެވެ. ބަޑިބޭހުގެ ކުޅިވަރުތައް ބަލާލި މީހުން ވަނީ އެމީހުންގެ އިހްސާސްތައް ޕީއެސްއެމް ނިއުސް ޓީމާ ހިއްސާކޮށްފައެވެ.

ބަޑިބޭހާއި ލޭޒަރ ލައިޓް ޝޯވގެ އިތުރުން، މި ރަސްމިއްޔާތުގައި ވަނީ ރާއްޖެއާއި ޗައިނާގެ ސަޤާފީ ހަރަކާތްތަކެއްވެސް ދައްކާލާފައެވެ. ރައީސް ޔާމީންގެ ތަރައްޤީގެ ރޮނގުން ރާއްޖެއަށް މުޅިން އާ ކަންތައްތައް ތަޢާރަފްކޮށްދެއްވަމުންދާއިރު މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުންވެސް މިވަނީ މުޅިން ބަދަލުވެފައެވެ.

އެހެންކަމުން ދަރުމަވަންތަ ހޮސްޕިޓަލާއި، އެއަރޕޯޓް ތަރައްޤީގެ ކުރުމުގެ ބިޔަ މަޝްރުޢޫގެ ނިމުން ފާހަގަކުރުމަށް ރައްޔިތުންގެ ތިބީ އިންތިޒާރުކޮށްގެނެވެ.