ޚަބަރު

މިވަގުތު ޢުމްރާނީ ގޮތުން އޭޝިއާގައި އެންމެ ކުރިއަރަމުންދާ ޤައުމަކީ ރާއްޖެ - މިނިސްޓަރ ސަޢީދު


މިސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީއާ އެކު މިވަގުތު ޢުމްރާނީ ގޮތުން އޭޝީއާގައި އެންމެ ކުރިއަރަމުންދާ އެއް ޤައުމަކީ ރާއްޖެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދިން "ސިނަމާލެ ބްރިޖު-ހުވަފެން ހަޤީޤަތަކަށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ސިޔާސީ ހަލަބޮލިކަމުގެ ތަރައްޤީގެ އެތައް މަޝްރޫޢެއް ގެއްލިގެންގޮސްފައިވާކަމަށާއި އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ހަމަޖެހުން ޤާއިމުކޮށް، އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތައް ފެއްޓެވިކަމަށެވެ. ރައީސް ޔާމީންގެ ތަޞައްވުރުގެ ސަބަބުން ދުނިޔޭގެ ލީޑަރުން، ޚާއްސަކޮށް އެޝިއާގެ ލީޑަރުން ރައީސް ޔާމީން ގެންގުޅުއްވާ އިޤްތިޞާދީ ތަސައްވަރު ޤަބޫލް ފުޅުކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއާއެކު ރައީސް ޔާމީންގެ އަމާޒަކަށްވީ އެންމެ ޒަމާނީ އެއަރޕޯޓަކާއި، ދިވެހިންނަށް ތަހުޒީބު ސިޓީއެއްގެ ބިނާކޮށްދެއްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ ރާއްޖެ މިއަދު މިދެކޭ ތަރައްޤީ ރާއްޖެއަށް ގެނައުމަށް ކުރީގެ ލީޑަރުންވެސް ހުވަފެންތަކެއް ދެކުނުނަމަވެސް އެ މަސައްކަތް ތަކަށް ޢަމަލީ ސިފަ ގެންނަން ކެރިވަޑައިނުގެންނެވިކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ބުރިޖަކީ ތަރައްޤީގެ ފެށުންކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދަޢުރަކަށް ހޮވިވަޑައިގެންފިނަމަ ތަރައްޤީގެ އިތުރު މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމަށެވެ.

ދިވެހި ޒުވާނުންނަށްޓަކައި ފަހި ދިރިއުޅުމެއް ހޯދައިދިނުމަކި ރައީސް ޔާމީންގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. ދިވެހިރާއްޖެ މި ދެކޭ ތަރައްޤީ ޤަބޫލު ނުކުރައްވާނެ ދިވެއްސެއް ނުހުންނާނެކަމަށާއި ދިވެހިންނަކީ ތަހުޒީބުގެ ރީތި މިސާލެއް ދުނިޔެއަށް ދައްކާނެ ބަޔަކަށް ރައީސް ޔާމިން ހައްދަވައިދެއްވާނެކަމަސް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.