ރިޕޯޓް

ސިނަމާލެ ބުރިޖު - އިޤްތިޞާދު އައު ހަރުފަތަކަށް ގެންދާނެ މުހިންމު ގުޅުމެއް


ރާއްޖެ ތަރައްޤީކުރުމުގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ، އިޤްތިޞާދީ ތަރައްޤީއާއެކު އިޖްތިމާޢީ ހަމަޖެހުން ހޯއްދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. ރާއްޖޭގައި ކުރިއަށްދާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާލުމުން، ފެންނަ ބޮޑު މަންޒަރަކީ އިޤްތިޞާދީގޮތުން ފުއްދުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅެވެ. ފެނިގެން މިދަނީ ރާއްޖޭގެ ތާރީޚް ދެކެފައިނުވާފަދަ ބިޔަ މަޝްރޫޢުތަކެއް އެއްފަހަރާ ކުރިއަށްގެންގޮސް ނިންމާލާ މަންޒަރެވެ.

ޢުމުރާނީ ތަރައްޤީގެ ކޮންމެ ކަމަކީވެސް އިޤްތިޞާދާ ގުޅިފައިވާ ކަންކަމެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން ސިނަމާލެ ބްރިޖް މަޝްރޫޢަކީ ރާއްޖޭގެ ޗާޓަށް އަންނަ ބަދަލަކަށްވުރެ، އިގްތިޞާދީގޮތުން ރާއްޖެއަށް އަންނަ އިންޤިލާބެކެވެ. މިއީ ރާއްޖޭގެ އިގްތިޞާދީ މައި ދެ ސަރަޙައްދު ގުޅުވާލެވޭ ގުޅުވާލުމެކެވެ.

ދިވެހިރާއްޖޭގައި ފުން ކަނޑެއް ހުރަސްކޮށް، ބްރިޖެއް އެޅުމުގައި ފުރަތަމަ ކުރިމަތިކުރުވި އެއް ސުވާލަކީ، މިއީ ކިހާ ފީސިބަލް ކަމެއްތޯ؟ ނުވަތަ މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އޮތީ ކޮން ފައިދާއެއްތޯ؟ މި ސުވާލުތަކުގެ ޖަވާބު ވަރަށް ސާފެވެ. ބްރިޖަކީ ވެރިކަންކުރާ ރަށް މާލެއާއި، ރާއްޖޭގެ މައި ވައިގެ ބަނދަރު އޮންނަ ހުޅުލެއާ، ދިވެހިންގެ އުންމީދީ ސިޓީ ހުޅުމާލެއާ ގުޅުވާލާ ބްރިކެކެވެ. މިއީ މުޅި ޤައުމުގެ މައި އިޤްތިޞާދީ ޙަރަކާތްތައް ކުރިއަށްދާ 3 ރަށެވެ. އެހެންކަމުން ޤައުމުގެ އެންމެ މުހިންމު ތިން މަންޒިލް، އެއްގަމު މަގުން ގުޅުވާލެވުމަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔަށް އިތުރު ކުރިއެރުން ގެނެސްދޭނެކަން ކަށަވަރު ކަމެކެވެ.

ބްރިޖާއެކު ގުޅުވާލެވޭ ގުޅުވާލުމުން، ވިޔަފާރިވެރިންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް އިޤްތިސާދީ އިތުރު ދޮރުތައް ހުޅުވިގެންދާނެއެވެ. ވިޔަފާރިވެރިން ކަނޑު ހުރަސްކޮށް މުދާ އުފުލި އުފުލުން ނިމި، އެއްގަމު މަގުން މުދާ އުފުލުމުގެ ފުރުޞަތު އޮންނާނެއެވެ. އޭގެ ސަބަބުން މުދަލުގެ ރައްކާތެރިކަން އިތުރުވެ، އެކަމަށް ކުރާ ޚަރަދުވެސް ކުޑަވެގެންދާނެއެވެ. އަދި ވިޔަފާރި ކުރާ ފަރާތްތަކަށް ފެސޭހަކަމާއެކު އަވަހަށް ޚިދުމަތް ލިބިގެންދާނެއެވެ.

އާ ވިޔަފާރިތައް ފެށުމާއި ވިޔަފާރިތައް ފުޅާކޮށް ކުރިއެރުމުގައި އެތަނަކުން ޚިދުމަތް ހޯދާ މީހުންގެ އަދަދު މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން މާލޭގެ އާބާދީ އާއި ހުޅުމާލޭގެ އާބާދީއާއި ހުޅުލެއަށް އަންނަ ޓޫރިސްޓު އާބާދީ ގުޅިގެން ދިއުމުން އާވިޔަފާރިތައް ތަޢާރަފުވެ، މިހާރު ކުރިއަށްދާ ވިޔަފާރިތައް އިތުރަށް ފުޅާވެގެންދާނެއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅޭއިރު، އަދި ދެވަނަ ފިޔަވަހި ބާރަށް ތަރައްޤީ ވަމުންދާއިރު މި ސަރަޙައްދުގައި މިހާރުވެސް ބޮޑެތި ވިޔަފާރިތައްފަށައި މޯލްތައް ހުޅުވަމުންދާކަން ފާހަގަކުރވެއެވެ. ބްރިޖާއެކު މި ވިޔަފާރިތައް އެހެން ހަރުފަތަކަށް ހިއްލާލާނެއެވެ. އަދި ހުޅުމާލޭގެ އިތުރުން މުސްތަޤްބަލުގައި ވެލާނާ އިންޓަރނޭޗަނަލް އެއަރޕޯޓުގައިވެސް މިފަދަ ބޮޑެތި ވިޔަފާރިތައް ފެށުމަށް މަގުފަހިވެގެންދާނެއެވެ.

އިޤްތިސާދީ ގޮތުން އަންނަ ކުރިއެރުމަކީ އޭގެ މަންފާއާއި ލާބަ ހުރިހާ ރައްޔިތުންނަށް ކުރާނެކަމެކެވެ. ބުރިޖުވެގެންދާނީ އިޤްތިސާދީ ގޮތުން އިންތިހާއަށް ލާބައާއި މަންފާ ގެނެސްދޭނެ މުހިއްމު ގުޅުމަކަށް ކަން ޔަޤީނެވެ.