ޚަބަރު

"ފިއުލް ހައިޑްރަންޓް ނެޓްވޯކް" އޭޕްރަންތަކާ ގުޅާލުމުގެ މަސައްކަތް ނިމިއްޖެ


ފްލައިޓުތަކަށް ތެޔޮ އެޅުމަށް ޤާއިމްކުރާ "ފިއުލް ހައިޑްރަންޓް ނެޓްވޯކް" އޭޕްރަންތަކާއި ގުޅާލުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

ފިއުލް ހައިޑްރަންޓް ނެޓްވޯކަކީ ޕްލައިޓަށް ތެޔޮ އެޅުމަށް ބޭނުންވާ ސަރަޙައްދަށް ފިއުލް ބައުޒަރގެ ބަދަލުގައި ހޮޅިއެއް މެދުވެރިކޮށް ތެޔޮ ފޯރުކޮށްދިނުމަށް ޤާއިމުކުރަމުންދާ ނެޓްވޯކެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފްލައިޓްތަކަށް ތެޔޮ އެޅުމަށް މިހާރު ބޭނުންކުރަމުންދަނީ މިކަމަށް ޚާއްސަ ހަަތަރުފުރޮޅުލީ އުޅަނދުތަކެކެވެ.

އެއަރޕޯޓްގައި ކުރިއަށްދާ ބިޔަ މަޝްރޫޢޫތަކާގުޅޭ މަޢުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ޓުއާރގައި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުން ވަނީ މަޝްރުޢުތަކާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ނޫސްވެރިންނާ ޙިއްސާކޮށްފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއް ބިލިއަން ޑޮަލަރުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ، ފިއުލް ފަރމްގެ މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ ފިއުލް ހައިޑްރަންޓް ނެޓްވޯކުގެ މަސައްކަތަކީ އާ ފިއުލް ފަރމްގެ މަސައްކަތާއެކު ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން އާ ފިއުލް ޓޭންކްތަކުގެ މަސައްކަތްނިމުމާއެކު ފްލައިޓްތަކަށް ފިއުލް އަޅާނީ ހައިޑްރަންޓް ނެޓްވޯކުގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިނިޒާމުގެ ސަބަބުން ފްލައިޓްތަކަށް ފިއުލް އެޅުމަށް ފަސޭހަވެ އެކަމަށް ހޭދަވާ ވަގުތުވެސް އެތައް ގުނައަކަށް ކުޑަވާނެކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ޖެޓް ފިއުލް ރައްކާކުރުމަށް ހަދާ ތިން ފިއުލް ޓޭންކުގެ ފައުންޑޭޝަން މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޓޭންކުތަކުގެ ރޫފް ޓޮޕް ހެދުމުގެ މަސައްކަތްކަމަށާއި މިމަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނޭކަމަށް އާދިލް ވިދާޅުވިއެވެ.

"ތިން ޓޭންކް ހަދަނީ... ތިން ޓޭންކްގައި ޖުމް 45 ހާސް ޓަނުގެ ކެޕޭސިޓީގެ ތެޔޮ ރައްކާކުރެވޭނެ... މިހާރު އެއަރޕޯޓްގައި ބޭނުންކުރަމުންދަނީ 15 ހާސް މެޓްރިކްޓަނުގެ ތެރޮ ރައްކާކުރެވޭ ނިޒާމެއް.... މިމަސައްކަތް ނިމުނީމު ތެޔޮ ރައްކާކުރެވޭ ކެޕޭސިޓީ ތިންގުނައަށް އިތުރުވާނެ..."

ފިއުލް ފަރމްގެ ހެދުމުގެ މަސައްކަތުގެ ދަށުން ޖެޓް ފިއުލަށް ޚާއްސަކޮށްގެން ތިން ޓޭންކް ހަދާއިރު، އެއަރޕޯޓްގެ އެހެނިގެން ބޭނުންތަކަށް ޑީސަލް ރައްކާކުރާ 2 ޓޭންކް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ޢާދިލް ވިދާޅުވީ އެއަރޕޯޓުގައި ތެޔޮ ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށް ނިންމީ އެއަރޕޯޓު ތަރައްޤީކޮށް ނިމުމުން ރާއްޖެ އަންނަ ފްލައިތްތައް އިތުރުވެގެންދާނެތީކަމަށެވެ.

އަހަރަކު 7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ޢަމާޒުހިފާފައިވާއިރު، ރާއްޖެ އަންނަ ފްލައިޓްތަކުގެ އަދަދު އިތުރުވެ، އިތުރު އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނޭކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ. އަދި ތެޔޮ ރައްކާކުރަން ޤާއިމްކުރާ ނިޒާމުގެ ސަބަބުން އެއްވެސް ދައްޗަކާ ނުލާ ހުރިހާ އެއަރލައިންތަކަށް ތެޔޮ ފޯރުކޮށްދެވޭނޭކަމަށް އެމްއޭސީއެލުން ބުނެއެވެ.