ޚަބަރު

ޕޮމްޕެއޯގެ ދަތުރު ކެންސަލްކުރީ އުތުރު ކޮރެއާގެ ބަސްމަގު ހުރިގޮތުން- އެމެރިކާ


އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މި ހަފުތާގައި އުތުރު ކޮރެއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް ކެންސަލް ކުރައްވާފައިވަނީ އުތުރު ކޮރެއާގެ އިސް އޮފިޝަލެއްގެ ފަރާތުން ލިބިވަޑައިގެން ސިޓީއެއްގެ ސަބަބުންކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ ޓްރަމްޕަށް މި ސިޓީ ލިބިވަޑައިގެންފައިވަނީ ހުކުރު ދުވަހު ކަމަށާއި، މި ސިޓީ ފޮނުއްވާފައިވަނީ އުތުރު ކޮރެއާގެ ވެރިކަން ކުރާ ވަރކަރސް ޕާޓީގެ ވައިސް ޗެއާމަން ކިމް ޔޮންގް ޗޮލް ކަމަށެވެ. އޭނާއަކީ އުތުރު ކޮރެއާއާ އެމެރިކާއާ ދެމެދު މީގެ ކުރިން ބާއްވާފައިވާ މަޝްވަރާތަކުގައި ބައިވެރިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ، މި ސިޓީގައިވާ މެސެޖްގެ ތަފްސީލު ނޭނގުނުނަމަވެސް، މި ސިޓީގައި ބޭނުންކޮށްފައިވަނީ ހަރުކަށި ބަހުރުވައެއް ކަން އެނގޭކަމަށެވެ. އަދި ޕޮމްޕެއޯގެ ދަތުރު ކެންސަލްކުރެއްވުމަށް އެމެރިކާގެ ރައީސް އާއި ޚާރިޖީ ވަޒީރު ނިންމެވީ، މި ސިޓީ ވިދާޅުވުމަށް ފަހު، ބޭނުންކޮށްފައިވާ ހަރުކަށި ބަހުރުވައިގެ ސަބަބުން ކަމަށްވެސް ވޮޝިންޓަން ޕޯސްޓުން ބުނެއެވެ.

ޕޮމްޕެއޯގެ ދަތުރު ކެންސަލްކުރައްވާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ، އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގައި މިހާރު ހުރަސްތައް ކުރިމަތިވެފައިވާކަމަށް ވިދާޅުވެފައެވެ. މިއީ ޓްރަމްޕް މިކަމަށް އެއްބަސްވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.