ޚަބަރު

ރައީސުލްޖުމްޙޫރިއްޔާ މާފަރު ބައިނަލްއަޤްވާމީ އެއާޕޯޓް ހުޅުއްވައިދެއްވައިފި


ނ.މާފަރުގައި ތަރައްޤީކުރި ބައިނަލްއަޤްވާމީ އެއަރޕޯޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޤައްޔޫމް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ޔާމީން މާފަރު އެއަރޕޯޓު ހުޅުއްވައިދެއްވީ އެމަނިކުފާނު މިހާރު ރ.އަތޮޅާއި ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ޔާމީން މާފަރަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެރަށުގެ ގިނަ ޢަދަދެއްގެ ބަޔަކުވަނީ މަރުޙަބާ ދަންނަވާފައެވެ.

މާފަރުގައި ތަރައްޤީކުރި ބައިނަލްއަޤްވާމީ އެއާޕޯޓަކީ 2200 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރި އެއާޕޯޓެކެވެ. މިމަޝްރޫޢުގެ ދަށުން، ސިޓީ ހޮޓަލަކާއި، ޕެސެންޖަރ ޓާރމިނަލާއެކު ޖެޓް ޕާކިންގ ފެސިލިޓީސް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އަބޫދާބީ ފަންޑުގެ ހިލޭއެހީގައި އަޅާ މިއެއާޕޯޓަށް 60 މިލިއަން ޑޮލަރު ޚަރަދުވިއެވެ.

އެއާޕޯޓުގެ ޓާރމިނަލްގެ މަސައްކަތް ނިންމުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މާފަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
މީގެއިތުރުން މާފަރުގައި ތަރައްޤީކުރި ބަނދަރުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވައިދެއްވާފައެވެ.