ޚަބަރު

ރައީސް ޔާމީން ޤައުމަށް ފާގަތިކަން ގެނެސްދިނީ ސިޔާސީ ތޫފާންތަކުގެ ތެރެއިން - ޝަހީމް


ރައީސް ޔާމީން ދިވެހި ޤައުމަށް އުފާ ފާގަތިކަން ހޯއްދަވައިދެއްވީ ސިޔާސީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތައް ކަޑައްތު ކުރެއްވުމަށްފަހުކަމަށް އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. އަތޮޅު މާމެންދޫގައި ހުރި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު އެތަނަށް އެއްވެ ތިބި ބައިވެރިންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ.ޝަހީމް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުންވެސް ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި، އެ ނުރައްކާތެރި ވަޅުގަނޑުން ރާއްޖެ ސަލާމަތްކޮށްދެއްވީ އެމަނިކުފާނު ގިނިކަންޏާ ނުކުންނަވައިގެން ކަމަށެވެ.

"އެއްވެސް ބޭފުޅަކަށް އެނގިލައްވާތޯ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ހާލަތު އޮތް ގޮތް. އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުންވެސް ރާއްޖެ އޮތީ ބޮނޑު އަނދަވަޅެއްގައި. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ތޫފާންތައް ކަޑައްތު ކުރެއްވީ އެމަނިކުފާނު ގިނިކަންޏާ." ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ހިކުމަތްތެރިކަމުން ޤައުމު ސަލާމަތްކޮށްދެއްވާފައި ވަނިކޮށް އަނެއްކާވެސް ބޭރުގެ އިސްތިއުމާރީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި ދިވެހިން ވާން ޖެހޭނީ އަމިއްލައަށް ކަންކަން ނިންމޭފަދަ މުސްތަޤިއްލު ބަޔަކަށް ކަމަށާއި ރާއްޖޭގެ މުސްތަޤްބަލު ކަނޑައެޅުމުގެ ފުރުސަތު އެހެން ބަޔަކަށް ދެވިގެން ނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ސިޔާސީ ހަމަނުޖެހުންތަކާއި ބައިބައިވުންތަކާއި ޕާޓީތަކުގެ ތަޅާފޮޅުންތަކާއި ބޭރުގެ ނުފޫޒާއި ބޭރު މީހުންގެ އަޅުވެތިކަމުގެ ތެރެއަށް ދިވެހިންގެ މުސްތަޤްބަލު ކަނޑައެޅުމުގެ ފުރުޞަތު ދެވިގެން ނުވާނެ. އަޅުގަނޑުމެން އެއްވެސް ދިވެއްސަކު އެމަގު އިޚްތިޔާރުކޮށްގެން ނުވާނެ." ޝަހީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ޑރ.ޝަހީމް ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު އިއްޔެވެސް ވަނީ 4 ރަށަކަށް ވަޑައިގަންނަވާފައެވެ. އެގޮތުން ލ.އަތޮޅު މާވަށާއި ކުނަހަންދޫއާއި ހިތަދޫގެ އިތުރުން މާމެންދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.