ޚަބަރު

3 ރަށެއްގެ ބަނދަރާ ގުޅޭ މަސައްކަތްތައް 2 ކުންފުންޏަކާ ޙަވާލުކޮށްފި


3 ރަށެއްގެ ބަނދަރާއި ގުޅޭ މަސައްކަތްތައް ނިންމުމަށް 2 ކުންފުންޏަކާ ޙަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ހިމެނޭ މަޝްރޫޢުތަކަކީ މ.ނާލާފުށީ ގެ ބޭރު ތޮށި ލުމުގެ މަސައްކަތާއި، ވ.ކެޔޮދޫ ބަނދަރު ގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ވ.ފެލިދޫ ޖެޓީ ހެދުމުގެ މަޝްރޫޢެވެ.

މި މަޝްރޫޢޫތަކުގެ ތެރެއިން ވ.ފެލިދޫ ޖެޓީ ހެދުމުގެ މަޝްރޫޢު ޙަވާލު ކޮށްފައިވަނީ އިނާރ ޓްރޭޑިންގް ކޮމްޕެނީ ލިމިޓެޑާއެވެ. ވ. ކެޔޮދޫ ބަނދަރު ގެ ދެވަނަ ފިޔަވަހީ ގެ މަސައްކަތާއި މ.ނާލާފުށީ ގެ ބޭރު ތޮށި ލުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މިއެއްބަސްވުންތަކުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހިމްއެވެ. އަދި އިނާރ ޓްރޭޑިންގް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަޙްމަދު އާރިފްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރު، އަހްމަދު ކުރިކް ރިޒާއެވެ.

މިމަޝްރޫޢުތަކަށް 37 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކުރައްވާއިރު، 3 މަހެއްހާދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.