ޚަބަރު

ބްރިޖްގައި ރެނދު އަޅާފައިވާކަމަށްބުނެ ދައުރުކުރަމުންދަނީ ފޭކް ފޮޓޯތަކެއް - މިނިސްޓަރ


ސިނަމާލެ ބްރިޖްގައި ރެނދުލާފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ ބޭރުގެ ބްރިޖެއްގެ ފޮޓޯތަކެއްކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖްގައި ރެނދުލާފައިކަމަށްބުނެ އިދިކޮޅުފަރާތްތަކުން ސޯޝަލް މީޑިއާގައި މިހާރު ފަތުރަމުންދާ ފޮޓޯތަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓެއްގައި ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމު އުފެއްދުމަށްކުރާ މިކަހަލަ މަސައްކަތްތަކުން ރައްޔިތުންގެ މެދުގައި ރައީސް ޔާމީނަށް އޮންނަ ތާއީދު ވާނި އިތުރުކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ދެއްވުމަށް ރައްޔިތުންގެ ޢަޒުމު އިތުރަށް ވަރުގަދަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުގައި ބާވެ ރެނދުލާފައިވާ އަވައްޓެރި ޤައުމެއްގެ ބްރިޖްގެ މަންޒަރުތަކެއް ފެންނައިރު މި ފޮޓޯތަކަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އެގޮތުން ރައްޔިތުންނަށް އޮޅުވާލުމައްޓަކައި މިފަދަ އަމަލުތަށް ހިންގުމުގެ ބަދަލުގައި ވާދަވެރި އިންތިޚާބަކުން ވެރިކަމަށް އައުމަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

ސިނަމާލެ ބްރިޖާމެދު އިދިކޮޅު ފަރާތްތަކުން އެކި ފަހަރުމަތިން ތަފާތު ވާހަކަތައް ފަތުރާފައިވެއެވެ. އެގޮތުން ބްރިޖްގައި ދަބަރު ޖަހާފައިވާކަމަށާއިި، ބްރިޖަށް ރާޅު އަރާކަމަށްބުނެ ވާހަކަދައްކާފައިވާއިރު، މިހުރިހާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއްކަން މިހާތަނަށް ވަނީ ހާމަވެފައެވެ.