ސިއްހަތު

ކެއްސުމަށް އެންޓިބަޔޮޓިކްސްގެ ބަދަލުގައި މާމުއި ބޭނުންކުރަން ސިއްހީ އިދާރާތަކުން ލަފާދެނީ!


އާދައިގެ ރޯގާ އަދި ކެއްސުމަށް އެންޓިބަޔޮޓިކްސް ދިނުމުގެ ބަދަލުގައި މާމުއި އަދި ޓްރެޑިޝަނަލް ފަރުވާތައް ދިނުމަށް އިލްތިމާސްކުރާ މިންގަނޑުތަކެއް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އެކުލަވާލަމުން އެބަދެއެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ހެލްތް ކެއަރ އެކްސެލަސް (ނައިސް) އަދި ޕަބްލިކް ހެލްތް އިންގްލޭންޑު (ޕީއެޗްއީ)އިން އެކުލަވާލަންއުޅޭ މިމިންގަނޑުތަކަކީ އާދައިގެ ކެއްސުންފަދަ ބަލިތަކަށް އެންޓިބަޔޮޓިކްސް (ބަލީގެ ޖަރާސީމަށް ހަމަލާދީ ނައްތާލާ އެންމެ ވަރުގަދަ ބޭސްތައް) ދިނުން ކޮންޓްރޯލްކޮށް، ޓްރެޑިޝަނަލް ފަރުވާއަށް ރުޖޫއަވުމަށް ބާރުއަޅާ މިންގަނޑެކެވެ. މީގައި އެންޓިބަޔޮޓިކްސްގެ ބަދަލުގައި އާދައިގެ ކެއްސުމަށް ބަލިމީހުންނަށް ދެވޭނެ ފަރުވާތަކާ، އެންޓިބަޔޮޓިކްސް ދޭންޖެހޭނެ ހާލަތްތައް އަދި މިކަމަށް އާންމުން ހެލުންތެރިކުރުމާބެހޭ ބައިތައް ހިމެނެއެވެ. މިމިންގަނޑެއް ތައްޔާރުކުރުމުގެ މަޤްސަދަކީ އެންޓިބަޔޮޓިކްސް ރެސިސްޓަންސްގެ މައްސަލަ ހައްލުކުރުމެވެ.

އާދައިގެ ރޯގާއަކީ އަމިއްލަޔަށް ދެތިން ހަފްތާތެރޭ ރަގަނޅުވާ އެއްޗެކެވެ. އަދި ގިނަ ފަހަރު އާދައިގެ ރޯގާގެ ނިޝާންތައް އެންޓިބަޔޮޓިކްސްގެ ޒަރިއްޔާއިން ރަގަނޅެއްވެސް ނުކުރެވޭކަމަށް ސިއްހީ ތަޖުރިބާކާރުންގެ ހޯދުންތަކުން ދައްކައެވެ.
އެހެންކަމުން އެންޓިބަޔޮޓިކްސްގެ ބަދަލުގައި އަމިއްލަޔަށް ގޭގައި މާމުއި، އިނގުރު ފަދަ ތަކެތި ބޭނުންކޮށްގެން، ކެއްސުން ރަގަނޅުކުރުމަށް މަސައްކަތްކުރުން ބުއްދިވެރިއެވެ. މާމުއިއަކީ ޤުދުރަތީ އެންޓިބަޔޮޓިކްސްއެއްގެ ގޮތުގައި ދުނިޔޭގެ އެންމެ ކުރީގެ ލިޔެކިއުންތަކުންވެސް ސިފަކުރެއެވެ. އެއީ މާމުއިގައި ހިމެނޭ ޤުދުރަތީ މާއްދާތަކެއްގެ ސަބަބުންނެވެ. އެހެންކަމުން ހޫނު ފެނާ، މާމުއި އަދި އިނގުރުފަދަ އެއްޗެތި ބޭނުންކޮށް ނެޗުރަލް ރެމެޑީޒް ބޭނުންކޮށްގެން އާދަގެ ކެއްސުންގަނޑަކަށް ފަރުވާދިނުން މާބުއްދިވެރިކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާދެއެވެ.

އެންޓިބަޔޮޓިކްސް ރެސިސްޓަންސްއަކީ މިހާރު ދުނިޔޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެއީ ބަލިތަކަށް ފަރުވާކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ހުރަހެވެ. އެންޓިބަޔޮޓިކްސް ރެސިސްޓަންސްއަކީ ބޭހަށް ބަލީގެ ވައިރަސް ނުގުޑުމުގެ މައްސަލައެވެ. މިކަން ކުރިމަތިވާ މައިގަނޑު އެއް ސަބަބަކީ މާގިނައިން އެންޓިބަޔޮޓިކްސް ބޭސް ބޭނުންކުރުމުން ބެކްޓީރިއާ ބޭހަށް ޤުދުރަތީގޮތުން ދިފާއުވާތީއެވެ. އެހެންކަމުން ބޭސް ކެއިނަމަވެސް އޭގެ އަސަރު ބަލިމީހާއަށް ނުކުރާނެއެވެ. މިކަމަށް ހައްލުހޯދުމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ އަދި ޤައުމުތަކުގެ ފެންވަރުގައި ދަނީ ސިޔާސަތުތައް ކަނޑައަޅާ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނަމަވެސް ތިން ހަފްތާއަށްވުރެ ގިންދުވަސްވެ، ބަލީގެ ނިޝާންތައް ރަގަނޅުނުވެ އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާހޯދުމަކީ މުހިންމުކަމެކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. އަދި ޓާރމިނަލް ބަލިތަކަށް އެންޓިބަޔޮޓިކްސް ދީފައިވާ މީހުންވެސް ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އެންޓިބަޔޮޓިކްސް ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. އަނެއްކޮޅުން 1 އަހަރަށްވުރެ ކުޑަކުދިންނަށް ރޯގާ އަދި ކެއްސުން ޖެހިއްޖެނަމަ މާމުއިފަދަ ތަކެތި ދިނުމުގެ ބަދަލުގައި ޑޮކްޓަރުގެ ލަފާގެ މަތިން ފަރުވާދިނުން މުހިންމެވެ.