ޚަބަރު

ނަޝީދަށް ވެރިކަން ހޯދައިދޭން އުޅޭތީ އިދިކޮޅު ކޯލިޝަން އޮތީ ބައިބައިވެފައި- ޝަހީމް


13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ގެންނަން މަސައްކަތްކުރާތީ އިދިކޮޅު ކޯލިޝަން އޮތީ ބައިބައިވެފައިކަމަށް ރައީސް ޔާމީންގެ ރަނިންގމޭޓު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަލައިދޫ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުގައި ޚިޔާލު ތަފާތުވުން އުފެދި އެމީހުންގެ މެދުގައި މައްސަލަތައް ބޮޑުވެފައިވާކަމަށެވެ. އެގޮތުން އިންތިޚާބުގައި އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސާލިހު ވާދަކުރެއްވިނަމަވެސް އެމީހުންގެ އަސްލު ބޭނުމަކީ ކުރީގެ ރައީސް ނަޝީދަށް ވެރިކަމަށް ގެނައުންކަމަށް ޝަހީމް ވިދާޅުވިއެވެ.

"އިދިކޮޅުގައި ތިބީ ހަމަ ހުސް ވެރިން. އެމީހުންގެ މެދުގައި ވަނީ ޚިޔާލު ތަފާތު ބައިބައިވެފައިި. އޭގެ ތެރެއިންވެސް ވެރިކަން ބޭނުންވެގެން އުޅޭ އަސްލު މީހާ ހުރީ ދުރުގައި. އިދިކޮޅު ފަރާތްތަކުން އެ ކުރާ ކަމަކީ ނަޝީދަށް ވެރިކަން ހޯދައިދިނުމަށް ކުރާ މަސައްކަތް." ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި އެއް ގޮތަކަށް ވާހަކަ ދައްކާ ބޭފުޅުން ނޫޅުއްވާކަމަށާއި މިކަން މިހެން ދިމާވެގެން އުޅެނީ އެބޭފުޅުންނަށް އެއްގަލަކަށް ނޭރިގެންކަމަށް ޝަހީމް ވިދާޅުވިއެވެ. މިގޮތުން އިންޑިއާއިން ރާއްޖެއަށް އެރުމަށް ނަޝީދު އިސްކޮށް ހުންނަވައިގެން މަޝްވަރާކޮށްފައިވާއިރު މިކަމުގައިވެސް އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުގެ ހިޔާލު ތަފާތުވުން އުފެދި ބައިބައިވެފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއިރު، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހުއާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންޓި ކެމްޕެއިންކުރަމުންދާކަމަށް އިދިކޮޅު ބައެއް ފަރާތްތަކުންވެސް ދަނީ ތުހުމަތުކުރަމުންނެވެ.