އަންނަ މަހުގެ 23ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒާރވް ކުރުމަށް ރާއްޖެ ވަޑައިގެން މިހާރު އުޅުއްވާ އިނގިރޭސި ވިލާތުގެ މަޖިލިސް މެންބަރުންގެ ވަފްދާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓާއި އިދިކޮޅި ކޯލިޝަންގެ ސިޔާސީ ޕާޓީތަކުން ބައްދަލުކުރަން ދެކޮޅު ހަދައިފިއެވެ.
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންކަން އޮބްޒާރވް ކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވަނީ ލޭބަރ ޕާޓީގެ މަޖިލިސް މެންބަރ ރޮޖަރ ގޯޑްސިފާއި ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެންބަރު ޑޭވިޑް އެމެސްއެވެ. މި ދެ ބޭފުޅުން ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އަދި މި ދެ ބޭފުޅުން ރާއްޖެ ވަޑައިގެން ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން މި ދެބޭފުޅުންނާއި ބައްދަލުކުރައްވާފައި ވަނީ ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކުއެވެ.
ޕީއެސްއެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިހާން މިރޭ ވިދާޅުވީ ނިހާނާއިއެކު އެ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމުގައިވެސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ތަކުރާރުކޮށް ފޯނުން ގުޅުއްވި ކަމަށެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތާ ކުރާ މެސެޖަކަށްވެސް ޖަވާބު ނުދެއްވާ ކަމަށް ނިހާން ވިދާޅުވިއެވެ.
"އެމްޑީޕީއަކުން ބޭނުމެއް ނުވޭ ޔޫކޭއިން މިކަން މޮނީޓަރ ކުރައްވަން ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރައްވާކަށް. ފިލަނީ. އެ ދެ ފަރާތުން އެބަ އާދޭސް ކުރެއޭ ޓެކްސްޓު މެސެޖުވެސް އެބަކުރޭ. އިބްރާހީމް މުޙައްމަދު ޞޯލިހުގެ ފޯނަށް އަޅުގަނޑު އިންދާ ގުޅީމަ ނަގަނީ އިބްރާހީމް މުޙައްމަދު ޞޯލިހުގެ ސެކިއުރިޓީ. ނަގާފަ މިބުނަނީ މިއީ އިބްރާހީމް މުޙައްމަދު ޞޯލިހުގެ ސެކިއުރިޓީއޭ. ސަރ ޑޭވީޑް އެމެސް ހާމަކޮށްދޭން ބޭނުންވީ ތިމަންނަމެން ކިތަންމެ ލަސްވިއަސް ބައްދަލުކޮށްލަން ބޭނުމޭ ކަލޭމެންގެ ތިހުރި މައްސަލަތައް ނޯޓުކޮށްގެނޭ ދާން،" ނިހާން ވިދާޅުވިއެވެ.
ނިހާން ވަނީ މިފަހަރު އިނގިރޭސިވިލާތުން ރާއްޖެ އައިސް އުޅުއްވާ ވަފްދާ އިދިކޮޅު ކޯލިޝަނުން ބައްދަލު ކުރައްވަން ދެކޮޅު ހައްދަވާތީ އެކަމާ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ މިފަހަރު އިނގިރޭސީންނާ ބައްދަލުކުރައްވައިފި ނަމަ އިދިކޮޅުން ކުރާ ކަންތައް ފަޅާ އަރާނެ ކަމަށެވެ.
"ދިވެހިންގެ ތެރޭގައި މި މީހުން ދެފަހަރަކު އެއް ހަރަކުން މި ކަށި ޖަހަނީ. އެއީ މިބޭފުޅުން މިކަން ރިޕީޓުކޮށް ކުރަން ރާވައިގެން މި އަންނަނީ، ޤާސިމް އިބްރާހީމްވެސް ތަކުރާރުކޮށް ބުނި މުޙައްމަދު ނަޝީދު ފަހަތަކަށް ތިމަންނަ ނާރާނަމޭ. މިހާރުވެސް އެހުރީ އަނެއްކާ އަރާ. އޮޅެނީ ދިވެހިންގެ ތެރެއިން މިހެން އުޅޭ މީހުންނަށޭ. އެހެންވީމަ އިނގިރޭސީންނަށް މިފަހަރު އޮޅުވާ ނުލެވޭނެކަން އެނގޭތީވެ އިބްރާހީމް މުޙައްމަދު ޞޯލިހުއާ އޭނާގެ ޓީމުން އެމްޑީޕީ. އެންމެ ކުޑަމިނުން އެމީހުންގެ ތެރެއިން ބައްދަލުވެވުނީ އެމްޑީޕީގެ ސެކެރެޓޭރިއަޓުގައި އަނަސް އަބްދުއްސައްތާރާ ފޯނުން ގުޅުނުކަމާ ވަގުތު ފަހުން ދޭނެ ކަމަށްބުނެ ހަމަ އެއްވެސް ވަރަކަށް ފަހުން ޚަބަރު ނުވި ވާހަކަ،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އިންސާފުވެރި ނޫން ކަމަށް އިދިކޮޅުން ބުނަމުންދާއިރު އިނގިރޭސިވިލާތުން ވަޑައިގެން އުޅުއްވާ ވަފްދާ ބައްދަލު ކުރުމަށްފަހު އިލެކްޝަންގެ ހުރި މައްސަލަތައް ކިޔައި ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. މިފަދަ ވަފްދަކާއި ބައްދަލުނުކޮށް ހައްދުފަހަނަ އަޅާފައިވާ މީހަކާ ބައްދަލުކޮށް ރިޔާސީ އިންތިޚާބުން ރައީސް ޢަބްދުﷲ ޔާމީން މޮޅު ވެއްޖެނަމަ ރާއްޖެ ހިފާނެ ކަމަށް ބުނުމަކީ ތާކުން ތާކުޖެހޭ ވާހަކައެއް ނޫން ކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ އިދިކޮޅުގެ އެ ވާހަކަތައް ދިވެހިން ކިރާނެ ބުއްދީގެ ނަޒަރެއް ނޭނގޭ ކަމަށެވެ.
ނިހާން ވިދާޅުވީ އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި ގުޅޭގޮތުން އިދިކޮޅުން ދައްކަނީ ތާކުން ތާކު ނުޖެހޭ ދޮގު ވާހަކަތަކެއްކަން އިދިކޮޅު ފަރާތްތަކުގެ ޢަމަލުތަކުން މިހާރު ދިވެހި ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. އެގޮތުން އިލެކްޝަނާ ގުޅޭގޮތުން އިނގިރޭސިވިލާތުން ވަޑައިގެން އުޅުއްވާ ވަފްދާ އިދިކޮޅުން ދައްކާނެ އެއްވެސް ވާހަކައެއް ނެތްކަން އެނގިގެން ހިނގައްޖެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.