ދިވެހިރާއްޖެއާ އަވަށްޓެރި ޤައުމުތަކާއި އޮންނަ ގާތް ރަޙުމަތްތެރި ގުޅުމަށް ބުރޫ އަރާ ފަދަ ކަންކަން ނުކުރުމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.
ޑިފެންސް މިނިސްޓަރ މިއަދު އެމަނިކުފާނުގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ދެމެހެއްޓުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމެއް ކަމަށެވެ. ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށާއި ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް ބޭރު ބަޔަކު ވަންނާކަށް ނުވަތަ ވައްދާކަށް ނުޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ބަޔަކު ހިތްހަމަނުޖެހޭ ގޮތަކަށް އެންމެ ކަމެއް ވިއަސް ބޭރު ޤައުމުތަކުން ރާއްޖެއަށް އަރައިގަތުން ގޮވާލައި އެހިސާބަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ދިވެހިންގެ ތެރެއިން އެކަކުވެސް ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
"މިހާރު ރާއްޖޭގައި މިއޮތީ އިލެކްޝަން ފީވަރ. ރީ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް މިދަނީ. ދާއިރު ވަކި ޢަދަދެއްގެ ފޯމްތައް ރިޖެކްޓް ކޮށްފައި މިވަނީ. އެނގިލައްވާތޯ ޚުދު ޕީޕީއެމް މެންބަރުންތަކެއްގެ ރަޖިސްޓްރޭޝަން މައްސަލަތައް އެބަހުރި. ޑެޕިއުޓީ މިނިސްޓަރ ލެވެލްގެ ބޭފުޅުންގެވެސް ރީ ރަޖިސްޓްރޭޝަންގެ މައްސަލަތައް އެބަހުރި. ދެން އެހެންވީމަ ސަރުކާރުން ކޮން ނުފޫޒެއްތޯ ފޯރުވަނީ މިކަމަށް،" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އިންތިޚާބުތަކާއި ކުރިމަތިލާއިރު މިފަދަ ކުދިކުދި މައްސަލަ ޖެހޭ ކަމަށެވެ. ނަމަވެސް އެ ޤައުމުތަކުގެ ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިން އެ ޤައުމުތަކަށް އަރައިގަތުމަށް ގޮވާނުލާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއާ އަވަށްޓެރި ޤައުމުތަކާއި އޮންނަ ގާތް ރަޙުމަތްތެރި ގުޅުމަށް ބުރޫ އަރާ ފަދަ ކަންކަން ނުކުރުމަށް ޑިފެންސް މިނިސްޓަރ ގޮވާލެއްވިއިރު އިންޑިއާއިން ރާއްޖެއަށް އަރައިގަތުމަށް އިންޑިއާގެ ވެރިކަންކުރާ ހަރުކަށި ހިންދޫއިން ކޮންޓްރޯލްކުރާ ބީޖޭޕީގެ އިސްބޭފުޅެއްގެ އަރިހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދިފަހުން އެދިލައްވާފައެވެ.