ޚަބަރު

ބައިކް މޯލްޑިވްސްގެ ޓުއަރ ނިންމާލައިފި، ކާމިޔާބު ދަތުރެއް


ބައިކް މޯލްޑިވްސްގެ ފަރާތުން ބައިސްކަލު ޓުއަރ އަކަށް ސްރީލަންކާއަށް ދިޔަ ޓީމްގެ ދަތުރު ކާމިޔާބުކަމަށް ބައިކް މޯލްޑިވްސްއިން ބުނެފިއެވެ.

ބައިކް މޯލްޑިވްސްގެ ފަރާތުން "އޯވާސީސް ބައިކް ޓުއަރ" ގެ ނަމުގައި ބައިސްކަލު ދުއްވުމަށް 21 ދިވެއްސަކު ސްރީލަންކާއަށް ފުރާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މި ދަތުރުގައި ބައިކް މޯލްޑިވްސްގެ ޓީމުން ސްރީލަންކާ ގެ ބޮޑު ސަރަޙައްދެއްގައިވަނީ ބައިސްކަލު ދުއްވާފައެވެ. އެގޮތުން ނިގަމްބޯއިން މި ޓުއަރ ފަށާފާވާއިރު، ޗިއްލާއު، އަނަވިލުދަވާ، ކަލަޕިޓިޔާ ފަދަ ސިޓީތަކުގައި ބައިވެރިން ބައިސްކަލް ދުއްވާފައިވެއެވެ. އަދި މިދަތުރުގައި ލަންކާ ގެ މަޝްހޫރު ޤުދުރަތީ ލޭކްތައް ހިމެނޭ ވިލްޕައްޓު ނޭޝަނަލް ޕާކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދިޔަކަމަށްވެސް ބައިކް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

ބައިކް މޯލްޑިވްސްގެ މި ޓުއަރގައި ބައިވެރިވި އުމުރުން އެންމެ 13 އަހަރުގެ ކުއްޖަކު 130 ކިލޯމީޓަރަށް ބައިސްކަލު ދުއްވައި އެޖަމިއްޔާގެ ތާރީޚްގެ ތެރެއަށް ވަދެފައިވާކަމަށް ބައިކް މޯލްޑިވްސްއިން މައުލޫމަތުދެއެވެ.

"އޯވާސީސް ބައިކް ޓުއަރ" ކުރިއަށް ގެންދިއައީ މިމަހުގެ 18 އިން ފެށިގެން 22 ވަނަ ދުވަހާއި ހަމައަށެވެ. ބައިކް މޯލްޑިވްސްއަކީ އިންޖީނުލީ އުޅަނދުތައް ދުއްވުން މަދުކޮށް، ތިމާވެއްޓާ ރަށްޓެހި ކަންކަމަށް ޢާއްމުން ހޭލުންތެރިކުރުވުމުގައި ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެގޮތުން ބައިސްކަލް ދުއްވުމުގެ އާދަ ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމައްޓަކައި ބައިކް މޯލްޑިވްސްގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގެންދަނީ ގިނަ ހަރަކާތަތަކެއް ހިންގަމުންނެވެ.