ޚަބަރު

ދިވެހި ޙައްޖާޖީންގެ ޙާލު ރަނގަޅު- ޙައްޖު ކޯޕަރޭޝަން


ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތިބި ހުރިހާ ދިވެހި ޙައްޖާޖީންގެ ޙާލު ރަނގަޅުކަމަށް ސަރުކާރުން ބުނެފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖާޖީންގެ ތެރެއިން ވަރުބަލިވުމުގެ ސަަބަބުން ހާލު ދެރަވި ހައްޖާޖީއެއް ފިޔަވައި އެހެން ހުރިހާ ހައްޖާޖީންގެ ޙާލު ރަނގަޅުކަމަށެވެ. ޙައްޖު ކޯޕަރޭޝަނުން ބުނީ ވަރުބަލިވުމުގެ ސަބަބުން ހާލު ދެރެވި ޙައްޖާޖީއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި އެ ކޯޕަރޭޝަނުން އެ ޙައްޖާޖީގެ ޙާލު ގާތުން ބަލަމުންދާކަމަށެވެ. ޙައްޖު ކޯޕަރޭޝަނުގެ އިތުރުން، އެހެން ޖަމަޢާތްތަކުގެ ޙަވާލުގައި ޙައްޖަށްދިޔަ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް މަޢުލޫމާތުލިބެއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ ސަޢުދީއަށް އިރުއޮއްސުމާއެކު މުޛްދަލިފާއަށް ދިޔުމަށް ދަތުރު ފަށާނެކަމަށާއި ސަޢުދީގެ ގަޑިން 12 ޖަހާއިރަށް މުޛްދަލިފާއަށް ދެވޭނެކަމަށް ލަފާކުރެވޭކަމަށެވެ. އިއްޔެ މިނާ އާއި އަރަފާތަށް މޫސުން ގޯސްވިނަމަވެސް މިހާރު މުސޫން ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.

އަރަފާތު ބިމުގައި މިއަދު އިރުއޮއްސެންދެން ޙައްޖުވެރިން އަޅުކަމުގައި ވަގުތު ހޭދަކުރުމަށްފަހު އިރުއޮއްސުމުން މުޒުދަލިފާއަށް ދަތުރު ފަށާނެއެވެ. އެތާނގައި މަޣްރިބް ނަމާދާއި އިޝާ ނަމާދު ކުރުމަށްފަހު ޙައްޖުވެރިން ދެން ދާނީ މިނާއަށެވެ. މިނާގައި ޖަމްރާއަށް ހިލަ އުކުމާއި އުޟުހިޔާ ކަތިލުން ފުރިހަމަ ކުރާނެއެވެ.