ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢިއުލާންކުރައްވާފައިވާ ވިލިމާލޭ-2ގެ މަޝްރޫޢަށް ތައްޔާރުވުމަށް 200 މެގަ ވޯޓްގެ ޕަވަރ ސްޓޭޝަނެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ފަސްޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރ އަޙްމަދު ސައިފް ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢިއުލާންކުރައްވާފައިވާ ވިލިމާލެ-2، މަޝްރޫޢު ނިމެންވާއިރަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް 200 މެގަ ވޯޓްގެ ޕަވަރ ސްޓޭޝަނެއް ޤާއިމްކުރުމުގެ މަޝްވަރާތައް ސަރުކާރާ ގުޅިގެން ކުރިއަށްގެންދާކަމަށެވެ. މި ޕަވަރ ސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ތިލަފުށީގައިކަމަށް ސްޓެލްކޯއިން ބުނެވެ. އަދި ކަރަންޓަށްކުރާ ހޭދަ ކުރުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މި ޕަވަރސްޓޭޝަންގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ހަކަތަކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯގެ ޑިރެކްޓަރ އަޙްމަދު ސައިފް ވިދާޅުވީ މިކަމުގެ ސަބަބުން ހަކަތަ އުފެއްދުމަށް ކުރާ ހޭދަ ވަރަށްބޮޑަށް ކުޑަވާނެކަމަށެވެ. އަދި ތެޔޮ އެންދުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުވެސް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއިން ބުނީ މާލެ ސަރަޙައްދުގެ ކަރަންޓުގެ ނިޒާމު ހަރުދަނާކުރުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރެއިން ވިލިމާލެ-2 އަށް ކަރަންޓު ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢަށް ވާނެކަމަށެވެ. ވިލިމާލޭ 2 މިމަޝްރޫޢުއަކީ މިނިވަންދުވަހު ރައީސް ޢިއުލާންކުރައްވާފައިވާ 300 ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ގުޅީފަޅާއި، ފުށިދިއްދަރުފަޅު ހިއްކައި، ބްރިޖަކުން މާލެއާ ގުޅާލާގޮތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 80 ހާސް ފްލެޓާއި ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިސަރަޙައްދަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޮޑު ކެޕޭސިޓީއެއް ބޭނުންވާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.