ޚަބަރު

ބައިސްކަލު ދުއްވުމަށް 21 ދިވެހިން ލަންކާއަށް ފުރައިފި


ބައިކް މޯލްޑިވްސްއިން ބާއްވާ ދެވަނަ "އޮވަސީސް ބައިކް ޓުއަރ"ގައި ބައިވެރިވާ ފަރާތްތައް ސްރިލަންކާއަށް ފުރައިފިއެވެ. މި މަހުގެ 18 އިން 22 ހަށް ސްރިލަންކާގެ ވެސްޓް ކޯސްޓްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޓުއަރގައި 21 މީހުން ބައިވެރިވެއެވެ.

ދެވަނަ އޮވަސީސް ބައިކް ޓުއަރގެ މައުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްޞާކުރައްވަމުން ބައިކް މޯލްޑިވްސްގެ ޗީފް އެކްސެކެޓިވް އޮފިސަރ އަޙުމަދު ޙަސަން ދީދީ ވިދާޅުވީ މިފަހަރުގެ ޓުއަރ 5 ދުވަހަށް ދެމިގެންދާއިރު ކޮންމެ ދުވަހަކު 40 އާއި 45 ކިލޯމީޓަރާ ދެމެދު ބައިސްކަލު ދުއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިއަހަރުގެ އޭޕްރީލް މަހު ބޭއްވި އޮވަސީސް ބައިކް ޓުއަރގެ ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި މިފަހަރުގެ ޓުއަރގައި ގިނަ ކަންތައްތަކެއް ރަނގަޅުކޮށްފައިވާކަން ފާހަގަކުރައްވައި އަޙްމަދު ޙަސަން ދީދީ ވިދާޅުވީ މިފަހަރުގެ ޓުއަރގައިވެސް ލަންކާގެ އެކި ސިޓީތަކުގެ އާސާރީތަންތަނާއި ބިނާތަށް ޓުއަރގެ ބައިވެރިންނަށް ދައްކާލުމަށް ހަމަޖެހިފައިވާކަމަށެވެ.

ބައިކް މޯލްޑިވްސްއަކީ އިންޖީނުލީ އުޅަނދުތައް ދުއްވުން މަދުކޮށް، ތިމާވެއްޓާ ރަށްޓެހި ކަންކަމަށް ޢާއްމުން ހޭލުންތެރިކުރުވުމުގައި ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ބައިސްކަލް ދުއްވުމުގެ އާދަ ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމައްޓަކައި ބައިކް މޯލްޑިވްސްގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގެންދަނީ ގިނަ ހަރަކާތަތަކެއް ހިންގަމުންނެވެ.