ޚަބަރު

ރައީސް ޔާމީނުގެ ދެވަނަ ދައުރުގައި ބިމުގެ ދަތިކަން ހުރި ރަށްތަކުގައި ބިން ބޮޑުކުރަން ނިންމައިފި


ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުން އިންތިޚާބު ކުރައްވައިފި ކަމަށްވާނަމަ ރާއްޖޭގައި ބިމުގެ ދަތިކަން ތަޙައްމަލު ކުރަމުންދާ ރަށްތަކުގެ ބިން ހިއްކާ، އެރަށްތަކަށް ބިމުގެ ތަނަވަސްކަން ދިނުމަށް ރައީސް ޔާމީން ނިންމަވައިފިއެވެ.

ރައީސް ޔާމީން މިކަން ނިންމެވިކަން ހާމަކުރައްވާ ޕީއެސްއެމް ނިއުސްއަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ބިމުގެ ދަތިކަން ތަޙައްމަލު ކުރަމުން ގެންދާ ރަށްތަކުގައި ބިން ހިއްކުމުގެ ވަރަށް ގިނަ މަޝްރޫޢުތަކެއް ރައީސް ޔާމީންގެ މި ދައުރުގެ ތެރޭގައިވެސް ރައީސް ކުރިއަށް ގެންދަވާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 15 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅަކީ ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބު ކުރައްވައިފިނަމަ ދެވަނަ ދައުރުގެ ކުރީކޮޅު އެފަދަ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދުވުން ކަމަށެވެ. ޚާއްސަ ގޮތެއްގައި ގެދޮރުގެ ދަތިކަން ދިމާވެފައިވާ ރަށްތަކުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދެއްވައިގެން ރައީސް ޔާމީންގެ ދެވަނަ ދައުރުގެ ތެރޭގައި ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

"އެގޮތުން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ ހއ. އިހަވަންދޫއަކީ ވަރަށް ބޮޑު އާބާދީއެއް އޮތް ބިން ހުސްވެފައި އޮތް ރަށެއް. އިތުރަށް އެރަށުގައި ގޯތި ދޫކުރާ ކަމަށްވާނަމަ ބިން އިތުރުކޮށްގެން ނޫނިއްޔާ ރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތެއް ނެތް ރަށެއް އެއީ. އެެހެންވީމަ ރައީސް ޔާމީން ނިންމަވާފައި ވަނީ ދެވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ކުރީކޮޅު އިހަވަންދޫގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ބިމުގެ މައްސަލަ ޙައްލު ކޮށްދެއްވުމަށްޓަކައި އިހަވަންދޫއާ އެކުގައި އިހަވަންދޫ ފަޅު ތެރެއިން އިހަވަންދޫގެ ބިން އިތުރު ކޮށްދެއްވުމަށް ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުއެއް ހިންގެވުމަށް،" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިހަވަންދޫ ރައްޔިތުންނަކީ ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތްވެސް ކުރަމުންދާ ބަޔަކަށްވާތީ އެކަމުގައި ވެސް ރަނގަޅު ގޮތްތަކެއް ރައީސް ޔާމީން ނިންމަވާ ދެއްވާފައިވާ ކަމަށެވެ. އެގޮތުން އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް އިހަވަންދޫއާ ދުރުނޫން ހިސާބެއްގައި އޮންނަ ފަޅު ރަށެއް ޚާއްސަ ކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައެވެ.

"އޭރުން އިހަވަންދޫ ތެރޭގައި މިކަން ކުރުން ހުއްޓުމަކަށް އަންނާނެ. އެއީ އެކަމަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް އެއީ ނޭވާ ލުމުގެ ނިޒާމާއި އަދި ޚާއްސަކޮށް ދިރިއުޅޭ ސަރަޙައްދުގެ ތެރޭގައި މި މަސައްކަތްތައް ކުރުމުން ރައްޔިތުންނަށް ސިއްޙީ ގޮތުން ގެއްލުންތަކެއްވާ ކަމެއް އެއީ. އެހެންވީމަ މައިގަނޑު ގޮތެއްގައި މިކަންތައް ކޮށްދެއްވުމަށް ރައީސް ޔާމީން ނިންމަވާފައި ވަނީ އެމަނިކުފާނަށް ރައްޔިތުން އިތުރު ފުރުޞަތެއް ދެއްވައިފި ކަމަށްވާނަމަ،" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ހއ. އިހަވަންދޫއަކީ ރައީސް ޔާމީންގެ މި ފަސް އަހަރުގެ ތެރޭގައިވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްފައިވާ ރަށެކެވެ. އެގޮތުން 62 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އެރަށުގައި ނަރުދަމާގެ ނިޒާމެއް ސަރުކާރުން ވަނީ ޤާއިމްކޮށްދެއްވާފައެވެ.