ޚަބަރު

އައްޑޫ ސިޓީ ފޭދޫގެ ގެތަކަށް ނަރުދަމާ އެޅުމަށް ހޮޅިގުޅުމުގެ މަސައްކަތް ފަށައފި


އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގައި ޤާއިމްކުރާ ނަރުދަމާގެ މަޝްރޫޢުގެ ދަށުން، ފޭދޫގެ ގެތަކަށް ނަރުދަމާ އެޅުމަށް ހޮޅިގުޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގައި 38 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. މިތިން ރަށުގައި ނަރުދަމާގެ މަޝްރޫޢު ޤާއިމްކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، އައްޑޫ ނަރުދަމާގެ މަޝްރޫޢުގެ %72 މަސައްކަތް ނިމިފައިވާ ކަަމަށެވެ. އަދި މިމަޝްރޫޢުގެ ދަށުން މިހާތަނަށް ފޭދޫގެ 220 ގެއަކަށް ހޮޅިގުޅާފައިވާ ކަމަށާއި ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ފޭދުގެ ހުރިހާ ގޭބިސީއަކަށް ހޮޅިގުޅާ ނިމެނޭ ކަމަށް ހުޝާމް ވިދާޅުވިއެވެ. މިމަޝްރޫޢުގެ ދަށުން ފޭދޫގައި 6 ޕަމްޕް ސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވެއވެެ.

އެމްޓީސީސީން ބުނީ، ފޭދޫ، މަރަދޫ-ފޭދޫގެ ޕްރެޝަރ ލައިންގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާ ކަމަށާ، އަދި މަރަދޫގެ %20 މަސައްކަތް ނިމިފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ނަރުދަމާ މަޝްރޫޢުގެ ދަށުން، މިތިން ރަށުގެ 2500 ގޭބިސީއަށް ނަރުދަމާ ހޮޅި ގުޅުމަށް ހަމަޖެހިފައިވެއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، މިމަޝްރޫޢުގެދަށުން ފޭދޫގައި އަޅާ ގްރެވިޓީ ނެޓްވޯރކްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މަރަދޫ-ފޭދޫގެ ގްރެވިޓީ ނެޓްވޯރކްގެ %75 އަދި މަރަދޫގެ %60 މަސައްކަތް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ފޭދޫގައި ޤާއިމްކުރާ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓްގެ %75 ނިމިފައިވާއިރު، މަރަދޫ އާއި މަރަދޫ-ފޭދޫގެ ޓްރާންސްފަރ ސްޓޭޝަންގެ %80 ނިމިފައިވާ ކަމަށްވެެސް ހުޝާމް ވިދާޅުވިއެވެ.

އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވަލޮޕްމަންޓް، އޯފިޑްގެ ލޯން އެހީގެ ދަށުން 130 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއު ކުރިއަށްގެންދަނީ އެމްޓީސީސީއިންނެވެ. މި މަޝްރޫޢު މި އޮގަސްޓް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ އިތުރުން މާލޭ ވޯޓަރ އެނޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްގެން އައްޑޫ ސިޓީ ހިތަދޫގައިވެސް ދަނީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ. މިމަޝްރޫޢުގެ ދަށުން ހިތަދޫގެ 870 ގެއަކަށް ނަރުދަމާ އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ކުންފުންޏާ ޙަވާލުކޮށްގެން ހުޅުމީދޫގައިވެސް ނަރުދަމާ އެޅުމުގެ މަސައްކަތް ދަނީކުރަމުންނެވެ. ހުޅުމީދޫ ނަރުދަމާގެ މަޝްރޫއަކީވެސް އޮފިޑްގެ ލޯން އެހީގެ ދަށުން 113 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކުރިއަށްދާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ ޚިދުމަތް ދޭން ފެށުމެވެ.