ޚަބަރު

ބ.އޭދަފުށިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހޫނު މަރުޙަބާއެއް ދަންނަވައިފި


‎ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ބ.އޭދަފުށިން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަށްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން އޭދަފުއްޓަށް ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދެންނެވުމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން އެއްވިއެވެ. އަދި އެކަމަނާގެ ޝަރަފުގައި އޭދަފުށީ ޒުވާނުން ވަނީ ޚާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ.

އޭދަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް، ސަލާންކުރުމަށްފަހު އެކަމަނާ ވަނީ އެރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އިސް ރަށްވެހިންނާއި، ޒުވާނުން އަދި ކަނބަލުންނާ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އޭދަފުށްޓަކީ ރައީސް ޔާމިންގެ ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއްދީގެން ގިނަ ކަންތައްތަކެއް ކޮށްދެމުން އަންނަ ރަށެއް ކަމަށެވެ. އެގޮތުން މިވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ މުއްދަތުގައި އެރަށުގެ ތަރައްޤީއަށް ހަތަރު ސަތޭކަ މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ.

“މިރަށުގައި މިހާރުވެސް މިއޮތީ ނަރުދަމާގެ މަސައްކަތް ނިމިފައި. މަގުތައް އެދަނީ ތާރުއެޅުމަށް ތައްޔާރުވަމުން. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ. އެމަސައްކަތާއެކު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާނެ.” މެމްބަރު ސަލީމް ވިދާޅުވިއެވެ.

މެމްބަރު ސަަލީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އޭދަފުށިން އެކަނިވެސް ރައީސް ޔާމީންއަށް އަށްޑިހަ އިންސައްތަ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މުޅި ބ. އަތޮޅުންވެސް މިފަހަރު ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަށްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެކަމަނާ ވަނީ މިއަދު ބ. ހިތާދޫ އަދި ދޮންފަނަށްވެސް ވަޑައިގެންފައެވެ. މާދަމާވެސް ބ އަތޮޅުގެ 3 ރަށަކަށް އެކަމަނާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.